ތުރުކީވިލާތާއި ސީރިއާއަށް އައި ނުރައްކާތެރި ބިންހެލުން ތަކުގެ ސަބަބުން ސުންނާފަތި ވެފައިވާ އިމާރާތްތަކުގެ ދަށުން 10 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތް ކޮށްފިއެވެ. އެކުއްޖާ ސަލާމަތް ކޮށްފައި ވަނީ ބިންހެލުން އައިތާ 183 ގަޑިއިރު ފަހުންނެވެ.

މި ކުޑަ ކުއްޖާ ސަލާމަތް ކޮށްފައި ވަނީ، ބިންހެލުމުގެ އެޕިސެންޓަރު ކަމަށްވާ، ތުރުކީ ވިލާތުގެ ކަހްރަމަންމަރާސް އިން ކަމަށް ތުރުކީގެ ދައުލަތުގެ ބްރޯޑްކާސްޓަރ، ޓީއާރްޓީ ހޭބަރ އިން ރިޕޯޓް ކޮށްފައި ވެއެވެ.

މީގެ އިތުރުންވެސް ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންވި އެއް ޕްރޮވިންސް ކަމަށްވާ ތުރުކީގެ ހަތާއީ ޕްރޮވިންސުންވެސް 183 ގަޑިއިރު ފަހުން ފިރިހެނަކު ސަލާމަތް ކޮށްފައިވާ ކަމަށް ތުރުކީގެ މީޑިއާ، އަނަދޮލޫ އިން ރިޕޯޓް ކޮށްފައިވެއެވެ.

182 ގަޑިއިރު ފަހުން 12 އަހަރުގެ ކާން ސަލާމަތް ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

އަދި 182 ގަޑި އިރު ފަހުން ހަތާއީގެ އަންތާކްޔާ އިން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކޮށްފައިވާ އިރު، 181 ގަޑި އިރު ފަހުން ހަމަ އެ ސިޓީން، ދެބެންވެސް ވަނީ ސަލާމަތް ކޮށްފައެވެ.

އަދި އިމާރާތުގެ ދަށުގައި އޮންނަތާ 178 ގަޑިއިރު ފަހުން ހަ އަހަރުގެ އަންހެން ކުއްޖަކު އަދިޔަމަން އިން ސަލާމަތް ކޮށްފައިވާ އިރު، އަންތާކްޔާ އިން ވަނީ 70 އަހަރުގެ އަހަރުގެ މުސްކުޅި އަންހެނަކުވެސް ސަލާމަތް ކޮށްފައެވެ.

177 ގަޑިއިރުގެ ފަހުން މަންމ ސަލާމަތް ކުރެވުމުން ފިރިހެން ދަރިފުޅު އުފާ ފާޅުކުރަނީ --- ފޮޓޯ: ރޮެއިޓާސް

މި މީހުން ސަލާމަތް ކުރެވިފައި މިވަނީ ދެން ދިރިތިއްބާ މީހަކު ފެނުމުގެ އުއްމީދު ވަރަށް ކުޑަ ކަމަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ މީހުން ބުނެފައި ވަނިކޮށެވެ.

ބިންހެލުމަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މީހުން ސަލާމަތް ކުރުން ހުއްޓާލާ، މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މިޝަންއަށް މަސައްކަތް ބަދަލުކުރަން މިހާރު ވަނީ ގާތް ވެފައެވެ.

70 އަހަރުގެ ނޫރޭ ގުރްބޫޒް ސަލާމަތް ކޮށްފައިވަނީ ބިންހެލުމަށް 178 ގަޑިއިރު ވީ ފަހުން --- ފޮޓޯ: އަނަދޮލޫ

ނަމަވެސް މި ވަގުތު އަދިވެސް ރެސްކިއު ޓީމުތަކުންނާއި، އާއިލާތަކުން، ދިރި ހުރި މީހަކު ފެނޭތޯ ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތައް ހާވަމުން ދާއިރު، ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުންވި ސިޓީތަކުގެ ވަސް ވެސް މިހާރު ވަނީ ނުބައިވެފައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބިންހެލުމުގެ އެޕިސެންޓަރާއި އެންމެ ކައިރީގައި އޮތް ކަހްރަމަންމަރާސްގެ އިމާރާތްތަކުގެ ދަށުގައި، މަރުވެފައިވާ އެތައް ބައެއްގެ ހަށިތައް އަދިވެސް ހުރުމުންނާއި، ފިނިހޫނުމިން ތަންކޮޅެއް މަތިވެފައި ވުމުގެ ސަބަބުން، ހަށިތަކުން ދުވަމުންދާ ވަހުން ވަނީ މުޅި ޖައްވު އެއްވަސް ކޮށްލާފައެވެ.

ބިންހެލުމުގައި ތުރުކީންނާއި ސީރިއާއިން މަރުވި މީހުންގެ އަދަދު 36،000 އަށް ވުރެ މައްޗަށް މިހާރު އަރާފައިވާ ކަމަށް އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ބިންހެލުމުގައި ތުރުކީވިލާތުން މިއަދުގެ ނިޔަލަށް 31،643 މީހުން މަރުވެފައިވާއިރު، ސީރިއާގައި 4،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.