ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން މިހާރު ފްލައިޓްގައި ދަތުރު ކުރަން ވަރަށް ބިރުގަންނަ ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެފިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ މައުލޫމާތު އެނގޭ ފަރާތަކާއި ހަވާލާދީ ހުޅަނގުގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ ޕޫޓިން ފްލައިޓުން ދަތުރު ކުރާ ވަގުތެއްގައި ފްލައިޓަށް އަމާޒުކޮށް ޔޫކްރޭންގެ ތެރެއިން ނުވަތަ ޔޫކްރޭނާއި ހުޅަނގަށް ވާގިވެރިވާ އެހެން ދިމާލަކުން ހަމަލާއެއް ދީފާނެ ކަމަށް ޕޫޓިން ލަފާކުރެއެވެ.

އެހެންވެ ވައިގެ މަގުން ދަތުރުކުރުމުގެ ބަދަލުގައި މިހާރު ޕޫޓިން އާއްމު ގޮތެއްގައި ދަތުރު ކުރަނީ ރޭލެއްގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއީ ވައިގެ މަގުން ދަތުރު ކުރުމަށްވުރެ ރޭލްގައި ދަތުރު ކުރުން ރައްކާތެރިކަމަށް ޕޫޓިން އަށް ގަބޫލު ކުރެވޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް މި ރިޕޯޓަށް ބާރު ލިބޭނެ ހެއްކެއް މީޑިއާތަކުން ދައްކާފައެއް ނުވެއެވެ.

ރަޝިއާގެ ރައީސް ދަތުރު ކުރުމަށް ހާއްސަ ރޭލެއް އަބަދުވެސް އޮވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށިފަހުން އެ ރޭލްގެ ބައެއް މަރާމާތުތައްކޮށް ރޭލް ވަނީ އަޕްގްރޭޑް ކޮށްފައެވެ.

ރަޝިއާގެ ރައީސް އަށް ހާއްސަ ރޭލެއް އޮތް ނަމަވެސް ވަރަށް މަދު ފަހަރަކު ނޫނީ ކުރިން ޕޫޓިން ރޭލްގައި ދަތުރު ކޮށްފައެއް ނުވެއެވެ. 2012 ވަނަ އަހަރުގެ ފަހުން އަދި މިހާތަނަށް ޕޫޓިން ރޭލްގައި ދަތުރު ކުރި ފޮޓޯއެއް ވެސް ރަޝިއާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ޔޫކްރޭން އާއި ދެކޮޅަށް ރަޝިއާ އިން ހަނގުރާމަ ފެށިފަހުން ޕޫޓިންގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. ބުނެވޭ ގޮތުގައި ޕޫޓިންގެ ސަލާމަތީ ކަންކަން ބަލަހައްޓަން އަޅަން ޖެހޭ ފިޔަވަޅުތައް ނިންމައި، އެންމެ ފަހުގެ ކޮމާންޑް ކުރަނީ ސީދާ ޕޫޓިން އެވެ.