އިސްރާއީލްގެ ސިފައިން އަނިޔާވެރި ގޮތަކަށް ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލް ސިފައިން އަނިޔާވެރިކޮށް މަރާލާފައިވާ އުމުރުން 22 އަހަރުގެ މަހުމޫދު ހަމްދޫން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މިއަދު އިސްރާއީލް ސިފައިން އަގްބަތް ޖަބްރ ކޭމްޕަށް ދިން ހަމަލާއެއްގެ ތެރެއިންނެވެ.

އެހަމަލާގައި އޭނާއަށް ބޮޑެތި ޒަހަމްތަކެއް ލިބުނު ނަމަވެސް، ޒަހަމްތަކަށް ފަރުވާ ދިނުމެއް ނެތި އިސްރާއީލް ސިފައިން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މަހުމޫދު ޝަހީދުވިއިރު، އޭނާގެ ހަށިގަނޑުގައި އެކި ކަހަލަ ޒަހަމްތައް ހުއްޓެވެ. އެގޮތުން އިސްރާއީލް ސިފައިން ޖަބްރ ކޭމްޕަށް ވަދެގަނެ، ބަޑި ޖެހުމުގެ ސަބަބުން މަހުމޫދުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވެސް ވަޒަން އަރާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލް ސިފައިން ވަނީ އެ ކޭމްޕަށް ވަދެ ތިން ފަލަސްތީނުގެ މީހެއްގެ ގަޔަށް ބަޑި ޖަހައި 6 މީހަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އެމީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އާންމު ކޮށްފައެއް ނުވެއެވެ.

އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކަށް ހަމަލާދެމުން އަންނައިރު، ފާއިތުވި 2 މަހެއްހާ ދުވަސް ތެރޭ ފަލަސްތީނުގެ 67 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަލާޙް

    ހައްދަވާ ބޮޑުކުރެއްވި މާތް ﷲ!
    ވަލުކުއްތާ ތަކެއް ފަދަ ގަދަފަދަ ބަޔަކު އިސްރާއީލުންގެ މައްޗަށް ފާ ކުރައްވައި އެމީހުން ބަލިކުރައްވާންދޭވެ!