އިންޑިއާގައި ވިދިޝާ ޑިސްޓްރިކްޓްގެ 60 ފޫޓު ހުރި ފުން ވަޅަކަށް ވެއްޓުނު ހަތް އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.

އެ ކުއްޖާ މަރުވެފައި ވަނީ، އޭނާ ސަލާމަތް ކުރުމަށް އޮޕަރޭޝަނެއް ފަށައިގެން އުޅެނިކޮށެވެ.

އޮފިޝަލުން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެހާކަންހާއިރު 60 ފޫޓު ހުރި ފުން ވަޅަކަށް އެ ކުއްޖާ ވެއްޓުނުއިރު، އެ ކުއްޖާ އޮތީ އެ ވަޅުގެ 43 ފޫޓު އަޑީގައި ތާށިވެފައިވާ ކަމަށެވެ.

އެ ކުއްޖާ ސަލާމަތް ކުރުމަށް 51 ފޫޓު ފުން މިނުގެ އިތުރު ވަޅުގަނޑެއް ކޮނުނެވެ. އަދި ރެސްކިއު ސިފައިން ދިޔައީ އެ ކުއްޖާ ސަލަމަތް ކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރަމުންނެވެ.

ލޮކޭޝް އަހިރްވާރް ނަމަކަށް ކިޔާ އެ ކުއްޖާ އެ ވަޅަށް ވެއްޓިފައި ވަނީ ކުޅެމުގެ ތެރޭގައި އުޅެނިކޮށެވެ.

އެ ޑިސްޓްރިކްޓްގެ ލެޓެރީ ތަހްސިލްގެ ކެރްކެޑީ ޕަތާރު ވިލެޖްގައި ކޮނެފައި ހުރި ވަޅަކަށް އެ ކުއްޖާ ވެއްޓުނު ހާދިސާއާ ލެޓެރީ ސަބް ޑިވިޝަނަލް މެޖިސްޓްރޭޓް ހަރްޝަލް ޗައުދަރީ ވިދާޅުވީ، އެ ހިސާބުގެ މީހުން އެކަން ސަމާލު ކަމަށް ގެނައުމާއެކު ރެސްކިއު ޓީމެއް އެ ސަރަހައްދަށް ގޮސް އެ ކުއްޖާ ރައްކާތެރިކަމާއެކު އެ ވަޅުން ސަލާމަތް ކުރެވޭތޯ އޮޕަރޭޝަނެއް ފެށި ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ ތެރެއިން އެ ވަޅަށް އޮކްސިޖަން ފޯރުކޮށްދީފައި ވެއެވެ.

މީގެ ކުރިން މިދިޔަ ހޯމަ ދުވަހު މަހާރާޝްތުރާގެ އަހްމަދުނަގަރް ޑިސްޓްރިކްޓްގެ ކޮނެފައި ހުރި ވަޅަކަށް ވެއްޓުނު އުމުރުން ފަސް އަހަރުގެ ކުއްޖަކު ނޭޝަނަލް ޑިޒާސްޓާ ރިލީފް ފޯސް (އެންޑީއާރްއެފް) އިން އަށް ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ސަލާމަތްކުރި ނަމަވެސް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. އެ ކުއްޖާ ވެއްޓުނީ ކަރްޖަތު ތަހްސިލްގެ ކޮޕާޑީ ވިލެޖްގައި ހުރި 15 ފޫޓުގެ ފުން ވަޅަކަށެވެ.

ކިޔުންތެރިންގެ ހިޔާލު