އިންޑިއާގެ ޕޯރްބަންޑަރު ސިޓީގެ އައްސޭރިފަށުގައި ގަވައިދާ ހިލާފަށް ކޯމަސް މާރާލި 10 މަސްވެރިއަކު ގުޖުރާތުގެ ފޮރެސްޓް ޑިޕާޓްމަންޓުން ހައްޔަރުކޮށްފިއެވެ.

ޓެމިލް ނާޑޫ، ކެރެލާ، އާސާމް އަދި އޮޑިޝާއަށް ނިސްބަތްވާ މި މަސްވެރިން މިދިޔަ ބުދަ ދުވަހު ޕޯރްބަންޑަރު ވައިލްޑްލައިފް ޑިވިޝަނާއި އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓާފައި ވަނީ އެ މަސްވެރިންގެ ބޯޓުން މާރާލާފައި އޮތް 22 ކޯމަސް ފެނުމާއި ގުޅިގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބޯޓު ބަލައި ފާސްކުރިއިރު އޭގައި އައިސްއާއެކު ބަހައްޓާފައި ހުރި 22 ކޯމަހެއް ފެނިފައިވެއެވެ. މީގެ އިތުރުން މަރާލާފައި އޮތް ހަތަރު މިޔަރެއް ވެސް ފެނިފައިވެއެވެ.

ޕޯރްބަންޑަރު، ދުއާކާ، އޮޚާ އަދި ޖަމްނަގަރުގެ އައްސޭރިފަށުގައި ގިނައިން ފެންނަ އާންމު ކޯމަހަކީ އިންޑިއާގައި ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ.

އިންޑިއާގައި ކޯމަހަށް ގެއްލުން ދީ، ކޯމަސް މެރުމަކީ މަނާ ކަމެކެވެ.

ހައްޔަރުކުރި މަސްވެރިން ބުނި ގޮތުގައި އެ މީހުން އާންމު ކޯމަސްތައް މަރާލީ މިޔަރު ހިފުމަށް، އެއަށް ކާން ދޭން ބޭނުން ކުރާ އެއްޗެއްގެ ގޮތުގައި ބޭނުން ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު