ބަންގްލަދޭޝްގެ މީޑިއާއެއްގައި ތަހުގީގީ ނޫސްވެރިކަން ކުރަމުން އަންނަ ނޫސްވެރިއެއް ކަމަށްވާ ޒުލްކާނައިން ސައީރް ޚާންގެ ބޭބެއަށް ބަޔަކު ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ޒުލްކާނައިން އަކީ އެގައުމުގެ ބޮޑު ވަޒީރާއި ބެހޭ ގޮތުން ތަހުގީގީ ލިޔުމެއް ތައްޔާރު ކުރަމުން އަންނަ މޮޅު ނޫސްވެރިއެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ޒުލްކާނައިންގެ ބޭބެ، މަހިނޫރު ޚާން އަށް ބަޔަކު ހަމަލާދީފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވެރިރަށް ޑާކާގައި އޭނާ އުޅެނިކޮށެވެ.

މަހިނޫރު "އަލްޖަޒީރާ" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހަތަރު މީހުންގެ ގްރޫޕަކުން އޭނާ ވަށާލާފައިވަނީ ޑާކާގެ މަރިޕޫރު ސަރަހައްދަށް އޭނާ ވިޔަފާރި ކުރަން ގޮސް އުޅެނިކޮށް ކަމަށެވެ.

"އެމީހުން ހަމަލާދިނީ ދަގަނޑު ބޭނުން ކޮށްގެން. ބުނީ ބޭބެ ބޮޑުވަޒީރާއި ބެހޭ ގޮތުން ލިޔަނީހޭ. ސަރުކާރާއި ދެކޮޅަށް ރިޕޯޓު ލިޔަނީ ހޭ. އޭނާއަކީ ނޫސްވެރިއެއް ހެއްޔޭ. ކުޅި ދައްކާލާނަމޭ މިހާރު" ހަމަލާދޭން ފެށުމުގެ ކުރިން އެމީހުން ބުނި ކަމަށް އޭނާ ބުންޏެވެ.

މިހާދިސާއާއި ގުޅިގެން އޭނާއަށް ފަރުވާ ދިނުމަށްފަހު، ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، މީޑިއާތަކުން އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތަކެއް ވެސް އާންމުވެފައެވެ.

މަހިނޫރުއަށް ލިބިފައިވާ ޒަހަމްތައް-- ފޮޓޯ: އަލްޖަޒީރާ

އާންމުވެފައިވާ ފޮޓޯތަކުން އޭނާގެ އަތަށާއި ފައިގެ އެކި ތަންތަން ޒަހަމްވެފައިވާ މަންޒަރު ފެނެއެވެ.

އަލްޖަޒީރާ ނޫހުން ބުނީ، އެމައްސަލައާއި ގުޅިގެން އެރިޕޯޓް ޕަބްލިޝް ކުރުމުގެ ކުރިން ފުލުހުންނަށް މައްސަލަ ހުށަހަޅައި ފުލުހުންގެ ބަހެއް ހޯދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެއްބާރުލުމެއް ނުލިބޭ ކަމަށް އެނޫހުން ވަނީ ބުނެފައެވެ.