މިދިޔަ ހޮނިހިރު ދުވަހު ސޫދާންގައި ފެށި ދާހިލީ ހަނގުރާމައާ ގުޅިގެން އެ ގައުމުގައި ތިބި ބޭރުގެ ޑިޕްލޮމެޓުން އެ ގައުމުން ބޭރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ސޫދާންގައި ހަނގުރާމަ ފެށުނީ ސޫދާންގެ އަސްކަރިއްޔާގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ސިފައިން، ވެރިރަށް ޚުރުތޫމަށް އަރައި ބައެއް ތަންތަނަށް ހަމަލާދީ ހިފަން އުޅުމުންނެވެ. އާރުއެސްއެފް އާއި ސޫދާންގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އާރްއެސްއެފް އިން މަސައްކަތް ކުރަނީ ސަރުކާރުގެ މުހިންމު އިމާރާތްތައް ހިފުމަށެވެ. ރިޔާސީ ގަނޑުވަރާއި މުހިންމު އޮފީސްތަކާއި ޓީވީ ސްޓޭޝަންތަކާއި ބައިނަލްއަގުވާމީ އެއާޕޯޓު ހިމެނެއެވެ.

ސޫދާންގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އެ ގައުމުގައި ތިބި ބޭރުގެ އޮފިޝަލުން ބޭރު ކުރުމުގެ މަސައްކަތް އެ ގައުމުގެ އަސްކަރިއްޔާ އިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ކުރާ އިރު، ސޫދާންގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ތަކުރާރުކޮށް ހަމަލާތައް އަމާޒުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަނގުރާމަ ހުއްޓާލައި ސޫދާންގެ ވެރިރަށް ދޫކޮށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމަށާއި އަނިޔާވި މީހުންނަށް ވީހާވެސް އަވަހަށް ފަރުވާ ދިނުމަށް އދ. އާއި ބޭރުގެ ދައުލަތްތަކުން ގޮވާލި ނަމަވެސް މިހާތަނަށް އައިއިރު، އެކަމަށް ދެ ފަރާތުން ވެސް އިޖާބަ ދީފައި ނުވާ ކަމަށްވެއެވެ.

އެފްރިކާގެ ތިން ވަނަ އަށް އެންމެ ބޮޑު ގައުމުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެއާޕޯޓު ބަންދުކޮށްފައިވާ އިރު، ބޭރު ގައުމުތަކުގެ އެތައް ބަޔަކު ޚުރުތޫމްގައި ތާށިވެފައި އެބަތިބިއެވެ. އޭގެ ތެރޭގައި އެމްބަސީތަކުގެ މުވައްޒަފުންނާއި ސިއްހީ އެހީތެރިންނާއި ތައުލީމް ހާސިލް ކުރާ ދަރިވަރުން ވެސް ހިމެނެއެވެ.

ސޫދާންގެ އަސްކަރިއްޔާ އިން ބުނީ އެމެރިކާ، އިނގިރޭސި ވިލާތް، ޗައިނާ އަދި ފްރާންސްގެ ރައްޔިތުންނާއި ޑިޕްލޮމެޓުން އެ ގައުމުން ބޭރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސައުދީ އަރަބިއްޔާ އާއި ޖޯޑަންގެ މީހުން ސޫދާންގެ ބަނދަރުން ފޮނުވަމުންދާ ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރޭ އިރުއޮއްސުމުގެ ކުރިން ސައުދީގެ 157 މީހުން ނޭވަލް ޝިޕެއްގައި ވަނީ ފުރުވާލައިފައެވެ. އަދި ކުވައިތުގެ ބައެއް މީހުން ވަނީ ޖިއްދާ އަށް ގޮސްފައެވެ. ޖޯޑަން އިން ބުނެފައި ވަނީ އެ ގައުމުގެ 300 މީހުން ސޫދާން އިން ބޭލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ހަނގުރާމައިގައި ވޭތުވެގެން މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި 3،000 އާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޒަހަމްވެފައެވެ. އަނިޔާވެފައިވާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން ގިނަ ހޮސްޕިޓަލުތައް މިހާރު ހުރީ އެކަށީގެންވާ ސިއްހީ ޚިދުމަތް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށްވެއެވެ.