މިދިޔަ ހޮނިހިރު ދުވަހު ސޫދާންގައި ފެށި ދާހިލީ ހަނގުރާމައާ ގުޅިގެން އެ ގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކޮށް، ޑިޕްލޮމެޓުން ގައުމުން ބޭރަށް ފުރުވާލައިފިއެވެ.

އެފްރިކާގެ ތިން ވަނަ އަށް އެންމެ ބޮޑު ގައުމު ކަމަށްވާ ސޫދާންގައި ހަނގުރާމަ ފެށުނީ ސޫދާންގެ އަސްކަރިއްޔާގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ސިފައިން، ވެރިރަށް ޚުރުތޫމަށް އަރައި ބައެއް ތަންތަނަށް ހަމަލާދީ ހިފަން އުޅުމުންނެވެ. އާރުއެސްއެފް އާއި ސޫދާންގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.

އެމެރިކާގެ ރައީސް ޖޯއި ބައިޑެން ވިދާޅުވީ އެ ގައުމުގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަނެއްގައި އެމެރިކާގެ ޑިޕްލޮމެޓުންނާއި އާއިލާތަކުން ހުރުތޫމުން ބޭރުކޮށްފައިވާ ކަމަށެވެ.

އެމެރިކާގެ އޮފިޝަލަކު ބުނި ގޮތުގައި މަދުވެގެން 100 މީހުން ހުރުތޫމުން ބޭރުކޮށްފައި ވަނީ އެމެރިކާ އެމްބަސީ ކައިރި އަށް ފޮނުވި މީހުން އުފުލަން ގެންގުޅޭ ތިން ހެލިކޮޕްޓަރެއް ބޭނުންކޮށްގެންނެވެ. މި އޮޕަރޭޝަން އެމެރިކާގެ ސިފައިން ފުރިހަމަކޮށްފައި ވަނީ އެންމެ ގަޑިއިރެއްހާ އިރު ތެރޭގައެވެ.

ސޫދާންގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް އައިއިރު އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ. އަދި ގިނަ ހޮސްޕިޓަލްތައް މިހާރު ފުރިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާގެ ސިފައިން މި އޮޕަރޭޝަން ފުރިހަމަ ކުރީ އަމާން ކަމާއެކީގައެވެ. އާރުއެސްއެފްގެ ސިފައިން އެމެރިކާގެ ހެލިކަޕްޓަރުތަކަށް ހަމަލާ ނުދިނުމަށް އެއްބަސްވެފައިވާ ކަމަށްވެއެވެ.

މި އޮޕަރޭޝަން ކާމިޔާބު ކުރެވުނީ ޖުބޫޓީ، އިތޯޕިއާ އަދި ސައުދީ އަރަބިއްޔާގެ ވެސް އެހީތެރިކަން ލިބިގެން ކަމަށްވާތީ ބައިޑެން ވަނީ އެ ގައުމުތަކަށް ޝުކުރު ވެސް އަދާ ކުރައްވައިފައެވެ. އަދި އެމެރިކާގެ އެމްބަސީގެ މުވައްޒަފުންނާއި އަސްކަރިއްޔާ އަށް ބައިޑެން ތައުރީފް ކުރެއްވިއެވެ.

ސޫދާންގައި ފެށި ދާހިލީ ހަނގުރާމައާ ގުޅިގެން އެ ގައުމުގައި ތިބި ބޭރުގެ ޑިޕްލޮމެޓުންނާއި ރައްޔިތުން އެ ގައުމުން ބޭރު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް 150 އަށް ވުރެ ގިނަ ބޭރުގެ ރައްޔިތުންނާއި ޑިޕްލޮމެޓުންނާއި އޮފިޝަލުން ވަނީ ކަނޑުމަގުން ސައުދީ އަރަބިއްޔާގެ ޖިއްދާ ބަނދަރަށް ގެންގޮސްފައެވެ. މި މީހުންގެ ތެރޭގައި ގިނައީ މިސްރާއި ޕާކިސްތާނާއި ކެނެޑާ މީހުންނެވެ.

ފްރާންސްގެ ފޮރިން މިނިސްޓްރީން ބުނީ ސޫދާންގައި ތިބި އެ ގައުމުގެ މީހުން ވެސް ބޭރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސޫދާންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެއާޕޯޓު ބަންދުކޮށްފައިވާ އިރު، ބޭރު ގައުމުތަކުގެ އެތައް ބަޔަކު ޚުރުތޫމްގައި ތާށިވެފައި އެބަތިބިއެވެ. އޭގެ ތެރޭގައި އެމްބަސީތަކުގެ މުވައްޒަފުންނާއި ސިއްހީ އެހީތެރިންނާއި ތައުލީމް ހާސިލް ކުރާ ދަރިވަރުން ވެސް ހިމެނެއެވެ.

 

މި ހަނގުރާމައިގައި ވޭތުވެގެން މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި 3،000 އާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޒަހަމްވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސްނު ސުޢޫދު

    ސޫދާންގައި ރަޝިޔާ ސިފައިންގެ ކަނޑުމަތީ ބޭސް އެއް ހަދަން ވަނީ އެއްބަސްވެފައި ހުޅަނގަށް ތާއީދު ކުރާ އާރމީ އެކަމާ ދެކޮޅު ރެޕިޑް ރެސްޕޮންސް ފޯސް ރަޝިޔާއާ އެއްކޮޅު މި ހަނގުރާމަ ނިމޭގޮތަކުން އެނގޭނީ ޕާކިސްތާނަށް ވީހެން ހުޅަނގަށް ވިކި ދަރަނިވެރިވެގެން ޤައުމު އޮންނާނީތޯ ނޫނީ އަމިއްލަ ފައިމައްޗަށް ތެދުވެ ރަޝިޔާ އާ އެއްބައިވާނީތޯ

    2
    2
  2. ޕްރިންޓްބަލް

    ދުވަހަކު ނުހުޅުވިޔަސް ހެޔޮ، ދުނިޔޭގެ ހަލާކު، ޑޮލަރު ބޭނުންވަރަކަށް ޕްރިންޓް ކޮށްގެން، އެހެން މީހުން އަޅުވެތިކުރަން އުޅޭބަޔެއް، ރަޝިޔާ ޗައިނާ އަދިވެސް މާލަސް އެމީހުން މައިތިރި ކުރަން ނިކުތްލެތް.