1992 ވަނަ އަހަރު ޕާކިސްތާނުން ވޯލްޑްކަޕް ކާމިޔާބް ކުރިއިރު، އެޤައުމުގެ ކްރިކެޓް ޤައުމީ ޓީމްގެ ކެޕްޓަންގެ މަޤާމް އަދާ ކުރެއްވި އިމްރާން ޚާން އެޤައުމުގެ ބޮޑު ވަޒީރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

އެޤައުމުގެ ޤައުމީ ޓީވީއިން އިމްރާން ޚާން ހުވާކުރެއްވި މަންޒަރު ދުރަށް ދައްކާފައިވާއިރު، ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސިޔާސީ އެކި އެކި ބޭފުޅުންނާއި އަސްކަރިއްޔާގެ ބޭފުޅުންގެ އިތުރުން، ޤައުމީ ޓީމްގައި އިމްރާން ޚާން އާއި އެކުގައި ކުޅުނު ކުޅުންތެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އިމްރާން ޚާންއަށް ބޮޑު ވަޒީރު ކަމުގެ ހުވާ ލާދީފައިވަނީ އެޤައުމުގެ ރައީސް މަމްނޫން ހުސެއިން އެވެ.

ބޮޑު ވަޒީރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް އެޤައުމުގެ މަޖިލީހުގައި ނެގި ވޯޓުން އިމްރާން ޚާން އަށް ކާމިޔާބު ލިބިވަޑައިގެންފައިވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އަދި މިހާރު ޖަލުގައި ހުންނެވި ނަވާޒް ޝަރީފްގެ ޕާޓީއިން ހުށަހެޅުއްވި ޝަހްބާޒް ޝަރީފާއި ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިވޯޓްގައި ޕާކިސްތާނު މުސްލިމް ލީގު-ނަވާޒް ޕާޓީން އިން ވާދަކުރެއްވި ޝަހްބާޒް ޝަރީފާ އަށް 96 ލިބިވަޑައިގެންފައިވާއިރު، 176 ވޯޓްއާއިއެކު އިންތިޚާބު ކާމިޔާބު ކުރެއްވީ އިމްރާން ޚާންއެވެ. ޝަހްބާޒް ޝަރީފް އަކީ ނަވާޒް ޝަރީފްގެ ކޮއްކޮކަން ފާހަގަކޮށްލެވެއެވެ.

އިމްރާން ޚާން މި އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، މަރާލެވިފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރުގެ ޕާޓީ، ޕާކިސްތާނު ޕީޕަލްސް ޕާޓީ އިން ޝަހްބާޒް ޝަރީފް ތާޢީދުކޮށް ކޯލިޝަނަކަށް އެއްބަސްވި ނަމަވެސް ފަހު ވަގުތުގައިވަނީ އެޕާޓީއިން އޭނާއަށް ކޮށްފައިވާ ތާޢީދު އަބުރާ ނަގާފައެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ވާޙަކަފުޅު ދައްކަވަމުން އިމްރާން ޚާން ވިދާޅުވީ، އޭނާއަކީ އެއްވެސް ޣައްދާރެއްގެ މަދަދު ގާރެއް ނޫން ކަމަށާއި ޤައުމަށް ޚިޔާނާތްތެރިވެފައި މީހުންނަށް ޙައްޤު އަދަބު އޭނާގެ ސަރުކާރުގައި ދެއްވާނެ ކަމަށެވެ.

ޕާކިސްތާނުގައި މިހާތަނަށް އެއްވެސް ބޮޑުވަޒީރެއް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވިފައި ނުވާއިރު، އިމްރާން ޚާންއަށް މިކަން ވާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ޕާކިސްތާނަކީ ބޮޑުވަޒީރުން ހަރުލާތަނެއްނޫން. ގިނައިން އެގައުމުގައި އޮންނަނީ ވެރިކަން އިންގިލާބަކުން އަތުލާ ޢަސްކަރީ ވެރިއެއްގެ ސަރުކާރު. ޢިމްރާނަކީ ސިޔާސީގޮތުން މާ ތަޖުރިބާކާރު ބޭފުޅަކަށްނުވާތީ އޭނާގެވެސް މުސްތަގުބަލް މާ ރަނގަޅުވާނެ ކަމަކަށް ނުބެލެވޭ.