އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދުނު ތޫފާނު މޯކާގެ ސަބަބުން މިޔަންމާއިން އެކަނި މަރުވި މީހުންގެ އަދަދު 60 އަށް އަރައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ތޫފާން މޯކާ މިޔަންމާއަށް އެރިއިރު، ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައި ވައިގަދަވެ، ކަރަންޓުގެ ޕައިލޯންތައް ވެއްޓި، މަސްދޯނިތައް ފަޅައިގެން ގޮސްފައި ވެއެވެ.

މިގޮތުން ރަކީން ސްޓޭޓްގެ ރޮހިންޖާ މުސްލިމުންގެ މައިނޯރިޓީ މީހުން ދިރިއުޅޭ ބު މާ އާއި ކައިރީގައި އޮންނަ ޚަންގް ޑޯކޭ ކަރް އަވަށުން 41 މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިގޮތުން މި ތޫފާނުގެ ސަބަބުން ރަކީންގެ ވެރިރަށް ސިޓްވޭގެ އުތުރުން އޮންނަ ރަތެޑަންގް ޓައުންޝިޕްގެ އަވަށެއްގައި މޮނެސްޓްރީއެއް ވެއްޓި 13 މީހުން މަރުވެފައިވާ އިރު، ކައިރި އެހެން އަވަށެއްގައި އިމާރާތެއް ވެއްޓި އަންހެނަކު މަރުވެފައިވާ ކަމަށް މިޔަންމާގެ ދައުލަތުގެ ބްރޯޑްކާސްޓަރ ބުނެފައި ވެއެވެ.

"ސަތޭކައަށްވުރެ ގިނަ މީހުން ގެއްލިފައިވާތީ މަރުވާ މީހުންގެ އަދަދު އިތުރުވާނެ.". ސިޓްވޭ ކައިރީގައި އޮންނަ ބޫ މާ ވިލެޖްގެ ވެރިޔާ ކާލޯ ވިދާޅުވިއެވެ.

އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ މިދިޔަ ހޯމަ ދުވަހު ފަސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އެހެން ނަމަވެސް އެ މީހުން މަރުވީ ކިހިނެއް ވެގެން ކަން ހާމަކޮށްފައެއް ނުވެއެވެ.

މޯކާ އަކީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭ އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ތޫފާނެވެ.