އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ތޫފާނަށް ބަދަލުވެއްޖެއެވެ.

އެ ތޫފާނަށް ދީފައިވާ ނަމަކީ "މޮކާ"އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ މި ތޫފާން މަޑުމަޑުން ހުޅަނގު އުތުރުރަށް ޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި މި ތޫފާންގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

މި ތޫފާން ބަންގްލަދޭޝް-މިޔަންމާ ގެ އައްސޭރިފަށަށް ދަތުރުކުރާނެއެވެ. އަދި ކަނޑުގަދަވާނެ ކަމަށް އޯލް އިންޑިއާ ރޭޑިއޯ ނިއުސް އިން ބުނެއެވެ.

މި "މޯޗާ" އުފެދިދާނެ ކަމުގެ އިންޒާރު އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ދިނުމާ ގުޅިގެން އިންޑިއާގެ ކޯސްޓްގާޑު (އައިސީޖީ)ގެ ބައެއް ޔުނިޓްތައް ހައި އެލާޓަށް ވަނީ ގެނެސްފައެވެ.

އައިއެމްޑީއިން މިއަދު ލަފާކޮށްފައިވާ ގޮތުގައި ދެކުނުއިރުމަތީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގު އުތުރުފަރާތަށް ބަދަލުވެ، އުތުރާއި ހުޅަނގު އުތުރުފަރާތަށް ދަތުރުކޮށް، މަޑުމަޑުން އެ ސަރަހައްދުގައި ތޫފާނަކަށް ވަނީ ބަދަލުވެފައެވެ. އަދި ހުކުރު ދުވަހުގެ ނިޔަލަށް މި ތޫފާނު ބާރުގަދަ ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށާއި، މި ތޫފާނާއި ގުޅިގެން 130 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.