ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ އާބާދީ ބޮޑު އެއް ގައުމު ކަމަށްވާ ޗައިނާގައި ވަޒީފާއެއް ނުލިބި ޒުވާނުން މަގުމަތިވާ މައްސަލަ ބޮޑުވެއްޖެއެވެ.

ޗައިނާގައި ކޮންމެ 5 ޒުވާނުންގެ ތެރެއިން އެކަކީ ވަޒީފާއެއް ނުލިބިގެން އުޅޭ މީހެކެވެ. ވަޒީފާއަށް އެދުނަސް ވަޒީފާ ލިބުމުގައި ގިނަ ގޮންޖެހުންތައް ހުރެއެވެ.

ވަޒީފާ ނުލިބޭ ކަމުގެ މައްސަލަ ހިއްސާ ކުރަމުން އުމުރުން 21 އަހަރުގެ ޝޫ ޒިއަންގ ބުނާގޮތުން މިދިޔަ ފެބްރުއަރީން ފެށިގެން އޭނާ ދަނީ ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ފާއިތުވީ 4 މަސް ދުވަހުގެތެރޭ އޭނައަށް ވަޒީފާއެއް ނުލިބުނެވެ. ޗައިނާގެ ޗެންގްޑޫގެ ކޮލެޖަކުން ފައިނޭންޝިއަލް މެނޭޖްމެންޓް މޭޖާރ ކޯސް ހަދަމުންދާ ޝޫ ބުނާގޮތުން ފާއިތުވީ ހަތަރު މަސް ދުވަސް ތެރޭ ވަޒީފާއަށް އެދި 100 ތަނަކަށް ހުށަހެޅިއެވެ. އެހެންނަމަވެސް އަދި ޖަވާބެއް ލިބުނީ އެންމެ ފަސް ތަނަކުން ކަމަށް ބުންޏެވެ. އެތަންތަނުންވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭނަ ފަދައިން އޭނަގެ ކްލާހުގެ ގިނަ ކުދިން ވަޒީފާ ނުލިބިގެން އުޅޭ ކަމަށް ވަނީ ބުނެފައެވެ.

ޝޫއަކީ ކިޔަވާ ނިމިފައި ތިބި އަދި ކިޔަވާ ނިންމަމުންދާ ޒުވާނުންގެ ތެރެއިން ވަޒީފާ ނުލިބިގެން އުޅޭ އެކަކެވެ.

ވަޒީފާ ނެތް 12 މިލިޔަނާއި ގާތްކުރާ އަދަދަށް ޒުވާނުން ޗައިނާގައި އެބަތިބި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިމައްސަލަ ބޮޑުވެގެން ޗައިނާ ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ގިނަ ޕޮލިސީތައް ތައާރަފްކޮށް ކުޑަ އަދި ބޮޑު ވިޔަފާރިތަކަށް ސަބްސިޑީ ދީގެންވެސް ޒުވާނުންނަށް ވަޒީފާ އިތުރު ކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ކިޔަވާ ނިންމާފައި ވަޒީފާގެ މާހައުލަށް ނުކުންނަން ބޭނުން ކުދިންނަށް ސަރުކާރުގެ މުއައްސަސާތަކުންވެސް ވަޒީފާ ދިނުމަށް ވަނީ އަންގާފައެވެ.

ޗައިނާ ސަރުކާރުން މިދިޔަ ހަފްތާ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން 16 އަހަރާއި 24 އަހަރާއި ދެމެދު ޒުވާނުންގެ ތެރެއިން 20.4 އިންސައްތަ މީހުންނަކީ ވަޒީފާއެއް ނުލިބިގެން އުޅޭ މީހުންނެވެ. މިއީ 2018 އާއި އަޅާ ބަލާއިރު ވަރަށް މަތީ އަދަދެކެވެ.

ކޮވިޑް-19 ޕެންޑަމިކާއި ގުޅިގެން ގިނަ ޒުވާނުންގެ ވަޒީފާ ގެއްލިފައިވާއިރު ޒުވާނުން ވަޒީފާއަށް ޤައުމުން ބޭރަށް ނުދެވުމާއި ވިޔަފާރިތަކަށް ގެއްލުން ލިބި ބައެއް ވިޔަފާރިތައް އުވިގެންދިޔައެވެ. އެހެންކަމުން މިއީ ވަޒީފާ ނެތް ޒުވާނުން ގިނަވުމަށް މެދުވެރިވި ސަބަބެކެވެ.

މި ސަބަބާހުރެ ޗައިނާގައި ގިނަ ޒުވާނުންވަނީ ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ދެކޮޅަށް މުޒާހަރާވެސް ކޮށްފައެވެ.

ޕެންޑަމިކާއި ގުޅިގެން ލިބުނު ގެއްލުންތަކުން ވިޔަފާރިވެރިން މަޑުމަޑުން އަރައިގަތް ނަމަވެސް ކުންފުނިތަކުގެ މާލީ ހާލަތު އެހާ ރަނގަޅުނުވާތީ އަދިވެސް ވަޒީފާއަށް މީހުން ނެގުން ވަނީ ގިނަ ކުންފުނިތަކުން މަޑުޖައްސާފައެވެ. ބައެއް ކުންފުނިތަކުން ބުނާގޮތުން ޒުވާނުން ކިޔަވާ ދާއިރާގެ ގޮތުން ވަޒީފާއަށް ޝަރުތު ހަމަނުވެއެވެ.

ފާއިތުވީ މާރިޗް މަހަށް ބަލާލާއިރު ޓޫރިޒަމް އާއި ކާގޯ އަދި ޓްރާންސްޕޯޓްގެ ދާއިރާގައި ގިނަ ވަޒީފާތައް ހުޅުވިގެންދިޔައެވެ. އެހެންނަމަވެސް މިފަދަ ވަޒީފާތަކަށް އެދި ހުށަހަޅަނީ އެހެން ޤައުމުތަކުގެ މީހުންނެވެ.

ޝަންގަހައި އިންސްޓިޓިއުޓް އޮފް ފިނޭންސް އެންޑް ލޯ އިން ކުރި ދިރާސާއަކުން ދައްކާގޮތުން ކިޔަވައިގެން ޑިގްރީ ހާސިލްކޮށްގެން ތިބޭ ޒުވާނުން ހޯދަނީ މޮޅެތި ވަޒީފާތަކެވެ. މަތީ މަޤާމްތަކެވެ. އެގޮތުން ޗައިނާގެ ޒުވާނުން ބޭނުން ވަނީ ތައުލީމީ ދާއިރާ، ޓެކްނޮލޮޖީ އަދި ސިއްޚީ ދާއިރާގެ ވަޒީފާތަކެވެ.

އެހެންކަމުން މިފަދަ ވަޒީފާތައް ޗައިނާގައި މަދުވުމުން ގިނަ ޒުވާނުން ތިބެންޖެހެނީ ވަޒީފާއެއް ނެތި ޑީގްރީ އަތަށް ލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދިރާސާއަކުން ދައްކާގޮތުން ކިޔަވައިގެން ޑިގްރީ ހާސިލްކޮށްގެން ތިބޭ ޒުވާނުން ހޯދަނީ މޮޅެތި ވަޒީފާތަކެވެ. މަތީ މަޤާމްތަކެވެ. އެގޮތުން ޗައިނާގެ ޒުވާނުން ބޭނުން ވަނީ ތައުލީމީ ދާއިރާ، ޓެކްނޮލޮޖީ އަދި ސިއްޚީ ދާއިރާގެ ވަޒީފާތަކެވެ.

    ވަޒީފާ ނެތީކީނޫން... ފޮނިބޮޑީ ވަރަށްވުރެ. ދިވެހިން ގޮތަށް.