ޔޫކްރޭންގެ ދެކުނުގައި އޮންނަ ޑޭމެއް ފަޅައިގެން ގޮސް، ފެންބޮޑުވުމުގެ ބިރު އުފެދުމާއި ގުޅިގެން ޔޫކްރޭންގެ އެސަރަހައްދުގައި އެމަޖެންސީ އިއުލާން ކޮށްފިއެވެ. ޔޫކްރޭނުން ބުނާ ގޮތުގައި ޑޭމަށް ގެއްލުން ލިބުނީ ރަޝިއާ އިން ވައިގެ މަގުން ދިން ހަމަލާތަކެއްގެ ސަބަބުންނެވެ. ނަމަވެސް ރަޝިއާ އިން އެކަން ދޮގު ކުރެއެވެ.

ޑޭމް އޮންނަ ސަރަހައްދަކީ ރަޝިއާ އިން ހިފާފައިވާ، މިހާރު ވެސް ރަޝިއާގެ ކޮންޓްރޯލް އޮތް ސަރަހައްދެކެވެ.

ޚޭރްސޯން ސަރަހައްދުގައި ހުރި ރަޝިޔާ ސަރުކާރުގެ އިދާރާއަކުން ވަނީ ނޯވާ ކަހޯވްކާގައި ތިބި، ގޯލާ ޕްރިސްޓަން އާއި އޮލެޝްކީ އަވަށުގައި ތިބި މީހުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

މި ކާރިސާއާއި ގުޅިގެން މިހާރު 5 މީޓަރަށް އުފުލިފައި އޮތް ފެންގަނޑު 12 މީޓަރަށްވުރެ މައްޗަށް އުފުލިގެން ދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރަޝިޔާއިން އެ ސަރަހައްދަށް ކަނޑައަޅާފައިވާ މޭޔަރ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވިގޮތުގައި މިހާތަނަށް 600 ގެއަކަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވެއެވެ.

މި ހަމަލާއާއި ގުޅޭގޮތުން ޔޫކްރޭން ސަރުކާރުން ބުނީ އެ ޑޭމްއަށް އަމާޒުވި ބޮމުގެ ހަމަލާއިން މުޅި ހައިޑްރޯ އިލެކްޓްރިކް ޕަވާ ޕްލާންޓް ސުންނާފަތިވެ އިންޖީން ރޫމްއަށް އިއާދަ ނުކުރެވޭ ގެއްލުމެއް ލިބިގެންދިޔަ ކަމަށެވެ.

ރަޝިޔާގެ އޮފިޝަލުން ދަނީ ޑޭމްއަށް އަމާޒުވި ހަމަލާއަކީ ޔޫކްރެއިން އިން ހިންގި އަމަލެއް ކަމަށް ތުހުމަތުކުރަމުންނެވެ.

މި ހަމަލާއާއި ބެހޭގޮތުން ޔޫކްރޭންގެ ރައީސް ވްލަޑިމިރް ޒެލެންސްކީ ވަނީ ރަޝިޔާގެ ނިރުބަވެރިންނަށް ފެނާއި މިސައިލާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެންވެސް އާޚިރަތުގައި ޔޫކްރޭނަށް ލިބިގެންދާނެ ނަސްރު ނުހުއްޓުވޭނެ ކަމަށެވެ.

މި ޑޭމްއަކީ 1956 ވަނަ އަހަރުގައި ނިޕްރޯ ކޯރުގެ ފެން ބޭނުންކޮށްގެން ކަހޯވްކާ ހައިޑްރޯއިލެކްޓްރިކް ޕަވާ ޕްލާންޓްގެ ބައެއްގެ ގޮތުގައި އުފެއްދި ތަނެކެެވެ. މި ޑޭމްގެ އެހީގައި ކްރައިމިއަން ޕެނިންސޫލާއާއި ޒަޕޮރިޒްޒިއާ ނިއުކްލިއަރ ޕްލާންޓަށް ފެން ސަޕްލައި ކުރެއެވެ.

ޑޭމަށް ލިބުނު ގެއްލުންތަކާއި ގުޅިގެން ޔޫކްރޭނުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި ރަޝިއާ އާއި ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު