ހަތިޔާރު އެޅި ވެގްނާ ޖަމާއަތުގެ ލީޑަރު، ޔެވްގެނީ ޕްރޮގޮޒިން ބެލަރޫސްއަށް ފޮނުވާލަން ރަޝިއާއިން ނިންމައިފިއެވެ.

ރަޝިއާގެ ސަރުކާރުން ބުނެފައިވަނީ ވެގްނާ ޖަމާއަތުގެ ލީޑަރު ބެލަރޫސްއަށް ފޮނުވާލަން ނިންމާފައިވަނީ ބެލަރޫސްގެ ރައީސް، އެލެކްސެންޑްރާ ލުކަޝެންކޯއާއި ވާހަކަ ދެއްކުމަށްފަހު، ނިންމި ނިންމުމަކަށްފަހު ކަމަށެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ބުނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ހުށަހެޅުމަކަށް ލުކަޝެންކޯ އެކަން ހަމަޖައްސައި ދެއްވީ ވެގްނާގެ ލީޑަރަކީ އޭނާ ގާތްގަނޑަކަށް 20 އަހަރު ވަންދެން ދަންނަ ބޭފުޅަކަށް ވާތީ ކަމަށެވެ.

ވެގްނާ ޖަމާއަތުގެ ލީޑަރު ބެލަރޫސް އަށް ފޮނުވާލަން ނިންމިއިރު، އެ ޖަމާއަތުން ތިބީ ރަޝިއާގެ މޮސްކޯއާއި ވަރަށް ކައިރި ހިސާބެއްގައެވެ. މޮސްކޯއަށް މިސްރާބު ޖެހި ނަމަވެސް، ފަހުން އެ ޖަމާއަތުން ވަނީ މޮސްކޯއަށް ނާރާނެ ކަން އިއުލާނު ކޮށްފައެވެ.

ވަގްނާ ހަނގުރާމަވެރިން ރަޝިއާގެ އަސްކަރިއްޔާ އާއި ދެކޮޅުވެ، އަސްކަރިއްޔާގެ ބައެއް އޯޑަރުތަކަށް ކިޔަމަން ނުވާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ވަގްނާ ހަނގުރާމަވެރިންގެ އަމަލުތައް ފަހަކަށް އައިސް ހުންނަ ގޮތުން ރަޝިއާ ސަރުކާރާއި ދެކޮޅަށް އެމީހުން ކަންތައްތަކެއް ކޮށްފާނެ ކަމަށް ބައެއް ތަޖުރިބާކާރުން އައީ ލަފާކުރަމުންނެވެ.

ރަޝިއާ ސަރުކާރާއި ދެކޮޅަށް ވަގްނާ ހަނގުރާމަވެރިން ނިކުތްއިރު އެމީހުންގެ އަތުގައި އެންމެ ޒަމާނީ ހަތިޔާރު ވެސް އެބަހުއްޓެވެ. އެހަތިޔާރަކީ ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެޖަމާއަތައް ފޯރުކޮށްދީފައި ހުރި ހަތިޔާރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތި ހަތިޔާރުތައް އަތުލެވުނީމާ ހީވަނީ ތިޔަ ޖަމާއަތް ސައިޒުކޮށްލާނެހެން. ޕުޓިންގެ ރޭވުންތައް ނޭނގެނީ. ވެރިމީހާ އަރުވާއެލަނީ.
    ވަގުތު ނޫހަކީ ޕުޓިން ދެކެ ވަރަަށްރުޅި އަންނަ ނޫހެއް.

    3
    1