އީރާންގެ ފުޓްބޯޅައާއި ބެހޭ ފެޑެރޭޝަނުން އެ ގައުމުގެ އަންހެނުންނަށް ޓޮޕް ލީގް ފުޓްބޯޅަ މެޗްތައް ބަލަން ހުއްދަ ދީފިއެވެ.

މިއީ އީރާންގެ ތާރީހުގައިވެސް ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. އީރާންގައި އަންހެނުންނަށް ފުޓްބޯޅަ މެޗްތައް ސްޓްޑޭއިމްއަށް ވަދެގެން ބެލުމުގެ ފުރުޞަތު ދީފައިވަނީ ވަރަށް މުހިންމު މެޗްތަކަށް ނުވަތަ ޚާއްސަ ހާލަތްތަކުގައެވެ. އެއީވެސް އީރާނުގެ ތާރީޚަށް ބަލާއިރުވެސް މަދު ފަހަރުތަކެއްގައެވެ.

އެހެން ނަމަވެސް، މި ހުއްދަ ދީފައިވަނީ ވަކިވަކީ ފުޓްބޯޅަ ދަނޑުތަކަށެވެ. އެގޮތުން، އިސްފަހާން، ކެރްމަން އަދި އަހްވަޒް ސިޓީގައި މި ހުއްދަ ދެވުނަސް، އީރާންގެ ވެރިރަށް ތެހްރާންގައި މިފަދަ ހުއްދައެއް ދެވިފައި ނުވާކަމަށް ފުޓްބޯޅަ ފެޑަރޭޝަން ޗީފް މެހްދީ ތާޖް ވިދާޅުވެފައިވެއެވެ.

އާދީއްތަ ދުވަހުގައި މި ޚަބަރު އިއުލާން ކުރަމުން މެހްދީ ވިދާޅުވީ މި ބަދަލު ކުރިއަށް އޮތް ސީޒަންގައި ފެނިގެންދާނެ ކަމަށެވެ. ކުރިއަށް އޮތް ސީޒަންގައި 16 ޓީމް ހިމެނޭ މުބާރާތެއް ފެށިގެންދާނެއެވެ.

އީރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން މި ބަދަލަށް ބާރުއެޅިޔަސް، އެ ގައުމުގެ ހަރުކަށި ފިކުރުގެ ލީޑަރުންތައް ދަނީ މިއީ މުޖުތަމައުއަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި އަންހެނުންނާއި ފިރިހެނުން އެއް ތަނެއްގައި މަސްހުނިވެގެން ފިރިހެން ފުޓްބޯޅަ ކުޅުންތެރިންނާއި ދިމާލަށް ބެލުމަކީ ރަނގަޅު ނޫން ކަމެއް ކަމަށް ފާހަގަކޮށްފައެވެ.

އީރާނުން ވަނީ 1979 ވަނަ އަހަރުގައި އީރާނަށް ގެނައި އިންގިލާބުގެ ފަހުން ފުޓްބޯޅަ އާއި އެހެނިހެން ކުޅިވަރު ދަނޑުތަކުން އަންހެނުން ބައިވެރިވުން މަނާކުރާ ގާނޫނެއް ނެތް ނަމަވެސް ބޮޑުތަނުން އެ ކަން މަނާކޮށްފައެވެ.