ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

އެ ގައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ ޕާޓީއަށް ނިސްބަތްވާ މެމްބަރު ޔޫރީ އަރިސްތޯވްގެ މައްސަލަ ބަލަމުން ދަނީ ޔުކްރޭންގެ ސެކިއުރިޓީ ސާވިސްއިންއެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އޮފިޝަލުންނަށް މަޖާ ކުރަން ގައުމަށް ބޭރަށް ދިއުން އޮތީ މަނާކޮށްފައެވެ.

ނަމަވެސް އެ އުސޫލުތަކަށް ގޮންޖައްސަވައި ޔޫރީ ވަނީ މި މަހުގެ މެދު ތެރޭގައި ރާއްޖެ ވަޑައިގެންފައެވެ.

އޭނާ ރާއްޖެ ވަޑައިގަތްކަން ފަޅާ އަރުވާލީ ޔޫކްރެއިންގެ ތަހުގީގީ ނޫސްވެރިންތަކެކެވެ.

ޔޫރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވީ ވަރަށް އަގު ބޮޑު ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ވޮލްޑޯފް އެސްޓޯރިއާގައެވެ. އެ ތަނުގައި އެންމެ ރެއަކަށް ވެސް ކޮޓަރިއަކަށް މަދުވެގެން 2700 ޑޮލަރު ދައްކަން ޖެހެއެވެ.

ޔޫރީގެ މައްސަލަ ބަލަމުންދާ އިރު އޭނާގެ ޕާސްޕޯޓުގައި ރާއްޖޭގެ ސްޓޭމްޕް ޖަހާފައި އޮތް ކަން ވަނީ ހާމަވެފައެވެ.

އޭނާގެ މައްސަލަ ސާބިތުވެއްޖެ ނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ މައްސަލައާ ގުޅިގެން އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

ރަޝިއާއިން ޔުކްރެއިނަށް އަރައިގަތީ މިދިޔަ އަހަރުގެ ފެެބްރުއަރީ މަހުއެވެ. އޭގެ ފަހުން ރަޝިއާއިން ވަނީ އިރުމަތި ޔުކްރެއިންގެ ބޮޑު ބައެއް ހިފައިފައެވެ. ނަމަވެސް ޔޫކްރެއިނުން ދަނީ ހުޅަނގުގެ ހަތިޔާރާއެކު ރައްދުދެމުންނެވެ. ނަމަވެސް ފަހަކަށް އައިސް ޔޫކްރެއިނަށް ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެއެވެ.