ތޫފާން އައިޑާލިއާ، އެމެރިކާގެ ހުޅަނގު އުތުރު ފްލޮރިޑާއަށް އަރައިފިއެވެ. މިއީ ކެޓަގަރީ ތިނެއްގެ ތޫފާނެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

މި ތޫފާނާއި ގުޅިގެން 16 ފޫޓަށް އުދަ އަރައި، ނުރައްކާތެރި އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު އޮފިޝަލުން ވަނީ ދީފައެވެ.

އެމެރިކާގެ ދެކުނުގެ ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިޑާލިއާ އާއި އެ ސްޓޭޓްގެ ނުރައްކާތެރި ތޫފާނެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. އަދި މިއީ ފްލޮރިޑާގެ ހުޅަނގު އުތުރު އައްސޭރިފަށަށް ކޮންމެ އަހަރަކު އެއްފަހަރު ކުރިމަތިވާ ހާދިސާއެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރު (އެންއެޗްސީ) އިން ބުނީ މީގެ ކުރިން ކިއުބާގެ ހުޅަނގުން މި ތޫފާނު ދަތުރު ކުރަމުން ގޮސްފައިވާއިރު، ފްލޮރިޑާގެ މާޝް ބިގް ބެންޑް ސަރަހައްދަށް މިއަދު ހެނދުނު ވަނީ އަރައިފައެވެ.

މި ތޫފާނާއި ގުޅިގެން ފްލޮރިޑާގެ 140،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ހެނދުނު ބައެއް ވަގުތުތަކާއި ހަމައަށް ވަނީ ކަރަންޓު ކެނޑިފައެވެ.

"ވަރަށް ނުރައްކާތެރި ކެޓަގަރީ ތިނެއްގެ ތޫފާން އިޑާލިއާ ފްލޮރިޑާ ބިގް ބިންޑަށް އަރައިފި،". ކޭޓަން ބީޗުގެ ކޮމިއުނިޓީ ކައިރިއަށް މި ތޫފާން އެރިކަން ފާހަގަކޮށް އެންއެޗްސީން ބުނެފައި ވެއެވެ. އަދި އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް 12 ފޫޓާއި 16 ފޫޓާ ދެމެދުގެ އުސް މިނެއްގައި އުދަ އަރާފާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

މި ތޫފާނުގެ ސަބަބުން 900 އަށްވުރެ ގިނަ ފްލައިޓް ދަތުރުތައްވެސް ވަނީ ކެންސަލް ކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބައެއް ހިސާބުތަކުގައި މިހާރު ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މިދިޔަ އަހަރު ފްލޮރިޑާގެ ހުޅަނގު އައްސޭރިފަށަށް އައި ތޫފާން އިއާންގެ ސަބަބުން، އުދައެރުމާއި ވައިގަދަވުމުގެ ސަބަބުން ބްރިޖްތައް ވެއްޓި އިމާރާތްތައް ފުނޑުފުނޑުވެގެން ދިޔައެވެ. މި ހާދިސާގައި ގާތްގަނޑަކަށް 150 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު