މިޔަންމާގެ ބައިމަދު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް، މިޔަންމާގެ ސަރުކާރާއި އަސްކަރިއްޔާ އިން ހިންގި ޢަމަލުތަކަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށް، އދ.ގެ ތަކުރިބާކާރުންގެ ޓީމަކުން ބުނެފިއެވެ.

ރޮހިންޖާ މުސްލިމުންނާއި މިޔަންމާގެ ޙާލަތު ކައިރިން ބަލާ ދިރާސާކުރުމަށްފަހު އދ.ގެ ޓީމަކުން ނެރެފައިވާ 18 ޞަފްހާގެ ދިގު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުން، މި ޢަމަލުތަކަކީ ގަތުލުއާންމެއް ހިންގުމުގެ ޢަމަލުތަކެއް ކަމުގައި ބެލޭނެއެވެ. އެހެންކަމުން، ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުގައި، މިޔަންމާގެ އިސް ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެއެވެ.

މިޔަންމާގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށްފަހު ނެރެފައިވާ މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ޖިންސީ އަނިޔާކޮށް، ނުޙައްޤުން ހައްޔަރުކޮށް އަދި މީހުން މެރުމުގެ ކަންތައްތައް ކޮށްފައިވާކަން ސާބިތުވެއެވެ.

"އަސްކަރީ އެއްވެސް ޙާލަތެއްގައި، އެއްވެސް ގޮތަކުން ބެލުމެއް ނެތި އަންހެނުން ގޭންގު ރޭޕުކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އަވަށްތައް އެއްކޮށް އަންދާލުމަކީ ބެލެވޭނެ ކަންކަމެއް ނޫން." ރިޕޯޓުގައި ބުނެފައިވެއެވެ.

އދ. އިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުން ޓަޓްމަޑޯ ޓެކްޓިކުގެ ގޮތުގައި، ބައިނަލްއަޤުވާމީ ފަރާތްތަކުން ކަނޑައަޅާފައިވާ ކަންކަމަކީ، ސަލާމަތީ އެއްވެސް ނުރައްކަލެއް އޮތް ޙާލަތެއްގައިވެސް ބޭނުންކުރެވޭނެ ކަންކަމެއް ނޫންކަމަށެވެ. އަދި، ވަކީން ޚާއްޞަކޮށް ރަޚައިން ސްޓޭޓުގަޔާއި އުތުރު މިޔަންމާގައި މިކަންކަން ބޭނުން ނުކުރެވޭނެކަށެވެ.

މިކަންކަމާ ގުޅިގެން، ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރާއި، ދެންވެސް ތިބި އެހެން އިސް ކޮމާންޑަރުންނާ ދޭތެރޭގައި ބައިނަލްއަޤުވާމީ ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ހިންގާ، އެމީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، އދ. އިން ބަޔާންކޮށްފައިވާ ކަންކަމަށް، މިޔަންމާގެ އިސް ފަރާތްތަކުން ދެކޮޅި ހަދާ އެކަންކަން ދޮގުކޮށްފައިވެއެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި އެޤައުމުގެ އަސްކަރިއްޔާއިން ހަމަލާ ދީފައިވަނީ، ރޮހިންޖާ ހަނގުރާމަވެރިން ދިން ހަމަލާތަކުގެ ރައްދު ހަމަލާތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް، މިއީ އެއްވެސް ގޮތަކަށް ޤަބޫލު ކުރެވޭ ކަމެއް ނޫނެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާފައިވާ ގަތުލް އާންމުތަކާއި ޖަރީމާތަކުގެ ސަބަބުން، ހަތް ލައްކައެއްހާ ރޮހިންޖާ މުސްލިމުންނަށް، މިޔަންމާ ދޫކޮށް އަވަށްޓެރި ބަންގްލަދޭޝްގައި ދިރިއުޅެން ވަނީ މަޖުބޫރުވެފައެވެ.