ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށާއި އެ ތަން ބިމާ ހަމަ ކުރާނެ ކަމަށް އިސްރާއީލުން މިއަދު ބުނެފިއެވެ. އިސްރާއީލުން ވަނީ ފަލަސްތީންގެ ޣައްޒާގައި ތިބި އެންމެން އެ ސިޓީން ނުކުތުމަށް ވެސް ގޮވާލައިފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވަނީ އިސްރާއީލު ވަނީ ކުއްލި ހަނގުރާމައެއްގެ ތެރޭގައި ކަމަށް ބުނެފައެވެ. އެއާ އެކު ދެން ފެނިގެން ގޮސްފައި ވަނީ އިސްރާއީލްގެ އަސްކަރީ ޖެޓްތަކާއި ވައިގެ އުޅަނދުތަކުން ޣައްޒާ އަށް ބޮން އަޅަމުން ދިޔަ ތަނެވެ. މިހާތަނަށް އައިއިރު ޣައްޒާގައި ހުރި ގިނަ އަދަދެއްގެ އިމާރާތްތަކެއް ބިމާ ހަމަކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީންގައި މިވަގުތު ތިބި ބައެއް ނޫސްވެރިން ބޭރުގެ މީޑިއާތަކަށް ބުނި ގޮތުގައި އިސްރާއީލްގެ މި އިންޒާރާ ގުޅިގެން ޣައްޒާގައި ދިރިއުޅޭ އާންމު ރައްޔިތުން ވަނީ ފޮށިތައް ހިފައިގެން ޣައްޒާ އިން ނުކުންނަން ތައްޔާރުވެފައެވެ.

އިސްރާއީލުން ޣައްޒާ އަށް ބޮން އަޅަމުންދާ އިރު، ޣައްޒާގެ ވަށައިގެން އިސްރާއީލުން ބިނާކޮށް ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އަވަށްތަކަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން ވަދެގަނެ، އެ އަވަށްތައް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިހާތަނަށް ދިން އެކިއެކި ހަމަލާތަކުގައި އިސްރާއީލްގެ 300 މީހަކު މަރާލައި، 1،590 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

އަދި އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ފަލަސްތީނުގެ 156 މީހަކު ޝަހީދުކޮށްލައި، 1900 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ރޭގައި ވެސް ހަމަލާތައް ކުރިއަށް ދިޔައެވެ. އަދި ޣައްޒާ ކައިރިން އަށް ސަރަހައްދެއްގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. ހަމާސް އިން ވެސް ބުނެފައި ވަނީ އިސްރާއީލުން ހިފާފައިވާ ތަންތަނުގައި ހަމާސްގެ މުޖާހިދުން އަދިވެސް ހަމަލާ ދިނުމުގައި އެބަތިބި ކަމަށެވެ.

އިސްރާއީލުން ބުނާ ގޮތުގައި، މިހާތަނަށް އައިއިރު، ޣައްޒާގެ 426 ތަނަކަށް ވަނީ ހަމަލާ ދީފައެވެ. އޭގެ ތެރޭގައި 14 ބުރީގެ އިމާރާތެއް ވެސް ހިމެނެއެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ އިމާރާތަކީ ހަމާސްގެ އޮފީސް ވެސް ހުންނަ އިމާރާތެކެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ޓީވީ އަށް ދިން ބަސްދީގަތުމެއްގައި ބުނީ އިސްރާއީލަށް ކުރިމަތިވި ކަޅު ދުވަހުގެ ބަދަލު ހިފާނެ ކަމަށެވެ. އެކަމަކު، ބަދަލު ހިފުމަށް ވަގުތު ނަގާނެ ކަމަށާއި އެކަމަކީ އުނދަގޫ ކަމެއް ކަމަށް ވެސް ނަތަންޔާހޫ ބުނެފައިވެއެވެ.

"ހަމާސްގެ ހަނގުރާމަވެރިން ތިބި ކޮންމެ ތަނެއް، އަދި ފިލާ ތިބި ތަންތަނާއި އެމީހުން އޮޕަރޭޓް ކުރާ ތަންތަން ފުނޑު ފުނޑުކޮށްލާނަން. އަހަރެން ބޭނުން ޣައްޒާގައި ދިރިއުޅޭ ރައްޔިތުން މިހާރުން މިހާރަށް އެ ސިޓީން ފޭބުމަށް. އަހަރުމެން ބާރުގެ ބޭނުން ކުރާނަން ކޮންމެ ދިމާލެއްގައި ވެސް،" ނަތަންޔާހޫ ބުނެފައިވެއެވެ.

ނަތަންޔާހޫ އެގޮތަށް ބުނުމާ އެކު، އިސްރާއީލުން ޣައްޒާ އަށް ދެމުން އައި ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވެއެވެ. އިސްރާއީލްގެ ސެކިއުރިޓީ ކައުންސިލުން މިހާރު ވަނީ ޣައްޒާއަށް ކާބޯތަކެތީގެ އިތުރުން ކަރަންޓާއި ތެޔޮ ސަޕްލައި ކުރުން ވެސް މަނާކޮށްފައެވެ. މިއީ ފަލަސްތީންގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ބާރު ކަނޑުވާލުމަށް ކުރާ ކަމެއް ކަމަށް ސެކިއުރިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވިސް

    ގަދަފަދަ ކަމުގައި ތިބެވޭނީ الله އިރާދަ ކުރެއްވި ވަގުތަކާ ހަމަޔަށް، الله ގެ ރަހުމަތުން ތިޔަ ބިން ލިބޭނީ މުސްލިމުންނަށް، އިރާދަކުރެއްވިއްޔާ ނިކަމެތިކަމާއެކު ޖެހޭނީ ފައިބައިގެން ދާން،

    56
  2. Anonymous

    މަމިބުނީ މަށަކަށްދެން ކެތެއްނުވާނެ މަކުރިމައްޗައް ޒަޔަނިސްޓް ޔަހޫދީ އަރާދުވަސް އެއީ އެމީހަކު މައަތުން ފުނޑޭނެ ދުވަސް، މަށައްހެޔޮ ޖަލައްލިޔަސް

    35
    1
  3. ޑިމޮކްރަސީ

    މުސްލިމް ބާރުގަދަ ޤަވްމުތައް ކީއްވެފަތަ ކަކުލުހުޅުންދޫވެ އަގަބަންދުވެފަ ތިތިބީ ހެޔޮ ނުވާނެ އެނުލަފާ ބައިގަޑު ފަލަސްތީނުގެ ބިމުންފައްސާލާ ނޫނީ އެބައިގަޑު ނައްތާލަބަލަ

    47
  4. ދފދފދފދފދޒ

    ނުފައިބާނަން ..ﷲ އަކްބަރ

  5. ހށ

    މިހެން ބުނާއިރު މި މީހުންނަށް ނުވިސްނޭތަ މިއަށްވުރެ ބާރުގަދަ އެހެންފަރާތެއް ވެސް ވާކަން