ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ޣައްްޒާއަށް ބޮން އަޅާ 70 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީސްއިން ބުނީ ޣައްޒާއަށް ދިން ބޮމުގެ ހަމަލާގައި 70 ޝަހީދުވެ 200 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ހަމާސްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޣައްޒާ ސިޓީން ފިލައިގެން ދާ މީހުންނަށް އަމާޒުވުކޮށް ޔަހޫދީން ދިން ވައިގެ ހަމަލާތަކުގައި 70 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ހަމާސްގެ މީޑިއާ އޮފީހުން ބުނީ ޣައްޒާ ސިޓީން ދެކުނުން ދަތުރުކުރަމުން ދަނިކޮށް ކާރުތަކަށް ތިން ތަނަކަށް ހަމަލާދީފައިވާ ކަމަށެވެ.

ޔަހޫދީން ދިފާއީ ބާރުތަކުން ބުނާގޮތުގައި ޣައްޒާއަށް މިއަދުވެސް ހަނގުރާމަމަތީ ޖެޓުތަކާއި ޑްރޯންތަކުން ހަމަލާތައް ދަނީ ދެމުންނެވެ.

ޣައްޒާގެ އުތުރުގައި ތިބި ހުރިހާ ރައްޔިތުން ދެކުނުގެ ސަރަހައްދުތަކަށް ބަދަލުކުރުމަށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ އިންޒާރު ދީފައެވެ.

އދ ގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ގާތްގަނޑަކަށް 1.1 މިލިއަން މީހުން ދިރިއުޅެއެވެ. އެއީ ގާތްގަނޑަކަށް ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. އަދި އެ އިންޒާރު އަނބުރާ ގެންދިއުމަށްވެސް އދ އިން އެދިފައިވާނެ ކަމަށްވެސް ތަރުޖަމާނު ބުނެފައި ވެއެވެ.

މި އިންޒާރާއި ގުޅިގެން ގިނަބަޔަކު ދަނީ އެ ސަރަހައްދު ދޫކޮށް ދަމުންނެވެ.

މިއާއެކު ޣައްޒާގެ ހަލަތު މިހާރު ވަރަށް ގޯހެވެ. މިހާތަނަށް ޣައްޒާއިން އެކަނި 1،799 މީހުން ޝަހީދުކޮށްލި އިރު، 6،388 މީހުން ޒަހަމްވެފައިވެއެވެ. އޭގެ ތެރެއިން 500 އެއްހާ ކުޑަކުދިން ޝަހީދުވެފައިވާ ކަަމަށް ދައްކައެެވެ. ގިނަ ކުޑަކުދިންތަކަކަށް ވަނީ އަނިޔާ ލިބިފައެވެ.