އިސްރާއީލުން މެދު ނުކެނޑި ޣައްޒާއަށް ހަމަލާ ދެމުން ގެންދާއިރު، އިސްރާއީލުން ވަނީ ސަލާމަތުން ތިބެން ބޭނުން ނަމަ، ރޭގެ ނިޔަލަށް ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ މީހުން އެހެން ހިސާބުތަކަށް ބަދަލުވާން އަންގައި އިންޒާރު ދީފައެވެ.

އިސްރާއީލުގެ އިންޒާރަށްފަހު ޣައްޒާގެ އުތުރުން އެތައް ހާސް ބަޔަކު ދަނީ އެމީހުންގެ ގެދޮރު ދޫކޮށް، ސަވާރީ ތަކުގައި އާޢި ފައިމަގުގައި ދެކުނަށް ދަތުރު ކުރަމުންނެވެ. ނަމަވެސް އަދިވެސް އެތައް ހާސް ބަޔަކު އެމީހުންގެ ގެދޮރު ދޫކޮށް ނުދާން ސާބިތުކަމާއި އެކު އެބަތިބިއެވެ.

އޭގެ ތެރެއިން އެކަކީ ފަލަސްތީނުގެ ލިޔުންތެރިއެއް ކަމަށްވާ ރިފާތް އަލަރީރު އެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ އާއި އޭނާގެ އާއިލާ އަމިއްލަ ގެދޮރު ދޫކޮށްފައި ނުދާނެއެވެ.

"އަހަރެމެން ތިބޭނީ. ބައެއް އާއިލާތައް ހިނގައްޖެ. އެމީހުންވެސް ދިޔައީ ހަމަ އިސްރާއީލުން ބޮން އަޅަމުންދާ ސަރަހައްދުތަކަށް. ކޮންމެ ތަނަކަށް ދިޔަޔަސް ބޮން އަޅާ ނަމަ، ގިނަ މީހުން ގަބޫލު ކުރަނީ ތިބެން ވީ ކަމުގައި. އަދި ހަމައެއާއެކު އަހަރެމެން ނުގޮސް ތިބެން ޖެހޭ އަނެއް ސަބަބަކީ އެހެން ނަގްބާއެއް ހިނގިޔަ ނުދީ ހިފެހެއްޓުން." ރިފާތް ބުނެފައިވެއެވެ.

ނަގްބާ އަކީ 1948 ވަނަ އަހަރު އިސްރާއީލު އުފެދިގެން ދިޔައިރު، ފަލަސްތީނުގެ އެތައް ރައްޔިތުންނަކަށް އެމީހުންގެ ބިމާއި ގެދޮރު ދޫކުރަން މަޖުބޫރު ކުރުވައި އެތައް ބަޔަކު މަގުމަތިވި ކާރިސާއަށް ދެވިފައިވާ ނަމެކެވެ.

ޣައްޒާގެ އެހެން ރައްޔިތެއް ކަމަށްވާ މަންސޫރު ޝައުމަން ބުނެފައިވާ ގޮތުގައި ދެކުނަށް ދަތުރު ކުރުންވެސް ރައްކާތެރިކަމުގައި އެހިސާބުގެ އެތައް ބަޔަކަށް ގަބޫލު ނުކުރެވޭތީ، އެމީހުންވެސް ނިންމާފައިވަނީ އެތަނުގައި ތިބެން ކަމަށް ކަމަށެވެ.

"ޣައްޒާގައި ދިރިއުޅޭ 90 އިންސައްތަ މީހުންނަކީ ހަމާސް އާ ގުޅުން އޮންނަ މީހުންނެއް ނޫން، ހާއްސަކޮށް އަސްކަރީ ގޮތްޕާއި. އަހަރެމެންނަކީ ހަމަ މިނިވަން ދިރިއުޅުމެއް އުޅެން ބޭނުންވެފައި ތިބި ސާދާ މީހުން." އޭނާ ބުނެފައި ވެއެވެ.

"މިހާރު ކުރެވޭ އިހުސާސަކީ އެއްވެސް އުންމީދެއް ނެތް ކަމުގެ އިހުސާސް، ޣައްޒާއާއި މެދު އަދި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ކަންތައްތަކާއި މެދު އެއްވެސް ބަޔަކު އަޅާނުލާކަމުގެ އިހުސާސް." އޭނާ ބުނެފައި ވެއެވެ.

"އަހަރެމެން މިތަނުގައި މަރުވާ ނަމަ މަރުވާނީ އަމިއްލަ ގެދޮރުގައި ތިބެ. އުތުރުގައި ވިޔަސް ދެކުނުގައި ވިޔަސް އަހަރެމެން މަރުވާނެ. އަހަރެމެން މަރުވާނީ އިސް އުފުލައިގެން ތިބެ، އަހަރެމެންގެ އަމިއްލަ ބިމުގައި އަހަރެމެންގެ ހައްގުތަކާއި އެކު، އަދި އަހަރެމެންގެ އީމާންތެރިކަމުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބެ." އޭނާ ބުނެފައިވެއެވެ.

ފުރާނަ ސަލާމަތް ކުރަން ބޭނުންނަމަ ދެކުނަށް ދިއުމަށާއި، ހަމާސްގެ ހުރިހާ ތަނަކާއި، މައި އޮފީސްތަކާއި، އަސްކަރީ ހުރިހާ ތަނެއް ސުންނާފަތިކޮށް އެމީހުން ޣައްޒާއިންނާއި މުޅި ދުނިޔޭންވެސް ފޮހެލާނެ ކަމުގައި އިސްރާއީލުގެ ދިފާއީ ވަޒީރު ގަލެންޓް ބުނެފައިވެއެވެ.

އިސްރާއީލުގެ އިންޒާރާއެކު ޣައްޒާ ސިޓީން ދެކުނަށް ދަތުރު ކުރަމުންދިޔަ މީހުންނަށްވެސް ހަމަލާ ދީ 70 މީހުން ޝަހީދު ކޮށްލާފައިވާކަމަށް ހަމާސް އިން ވަނީ ބުނެފައެވެ. އަދި މިހާރުވެސް ދަތުރު ކުރަމުންދާ މީހުންނަށް އިސްރާއީލުން ހަމަލާ ދެމުން ގެންދާ ކަމަށް އެމީހުންނާއި ހަވާލާދީ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ.