ފާއިތުވި ހަފްތާގެ ތެރޭގައި އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާގެ އެއްބައިވަންތަ މުޖުތަމައުން 20 އާއިލާގެ ނަން އެއްކޮށް ފޮހެވިގެން ހިނގައްޖެއެވެ. ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުންނަމަ، މަދަނީ ދަފްތަރުން 20 އާއިލާގެ ދިރިތިބި ހުރިހާ ޖީލެއްގެ ނަން ފުހެވިގެން ދިޔައީއެވެ.

މެދުނުކެނޑި ޖެހިޖެހިގެން 7 ދުވަހު، އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ޣައްޒާ އޮތީ ގުޑި ގުޑިއެވެ. ޣައްޒާއަށް 6000 ބޮން އަޅާފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އިސްރާއީލުން ބުނެފައިވެއެވެ. އެއީ ދުވާލަކަށް އެވްރެޖު ގޮތެއްގައި 1000 ބޮމެވެ.

ޣައްޒާއިން ޝަހީދުވެފައިވާ މީހުންގެ އަދަދު 2200 އަށް ވުރެ ގިނަވެފައި ވާއިރު، އޭގެ ތެރެއިން 60 އިންސައްތަ އަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އޭގެ އިތުރުން 8500 އަށް ވުރެ ގިނަ މީހުން ވަނީ ހަމަލާތަކުގައި ޒަހަމްވެފައެވެ.

އިމާރާތްތައް ސުންނާފަތިވެ ވަނީ ބިމާއި ހަމަވެފައެވެ. އިސްރާއީލުން ބުުނެފައިވަނީ ޣައްޒާއަށް ބޮން އަޅަމުންދަނީ މިދިޔަ ހޮނިހރު ދުވަހު ހަމާސް އިން އިސްރާއީލަށް ކުއްލި ހަމަލާއެއްދީ އެތައް ބަޔަކު މަރާލުމުން ކަމަށެވެ.

އިސްރާއީލުން ވަނީ ހަމާސް އެއްކޮށް ނައްތާލާ، އެމީހުންގެ ހުރިހާ ތަނެއް ސުންނާފަތި ކޮށްލާނެ ކަމުގައި އިއުލާނު ކޮށްފައެވެ. ނަމަވެސް މިކަމުގެ ހުރިހާ ވޭނެއް އުފުލަމުން ދަނީ ބައިބޯ ޣައްޒާގައި ތާށިވެފައި ތިބި ކުށެއްނެތް އާންމުންނެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ބަޔަކު އުޅަދަކަށް އަރުވަނީ —-ފޮޓޯ: ސީއެންއެން

"އަހަރެން މިއަދު މަރު ދުށިން."

ޖަބަލިޔާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި ޝިހާބު އާއިލާގެ 31 މެމްބަރުން ވަނީ ޝަހީދުވެފައެވެ. އެ އާއިލާ ދިރިއުޅެމުންދިޔަ އިމާރާތް ރައްކާތެރިވާނެ ކަމަށް ހީކޮށް، އެހެން އާއިލާތައްވެސް އިސްރާއީލުގެ ހަމަލާތަކަށް ފިލުމަށް އެ އިމާރާތަށް އައިސް ތިއްބެވެ. ޖަބަލިޔާ އަށް ދިން ހަމަލާގައި ޖުމްލަ 45 މީހުން ޝަހީދުވެފައި ވެއެވެ. އެންމެ ހަގު ޝަހީދަކީ ހަމަ އެންމެ ދެ މަހުގެ ތުއްތު ކުއްޖެކެވެ.

ދީރުލް ބަލާހް ގައި އަޒާއިޒް އާއިލާގެ މަދުވެގެން 15 މެމްބަރުން ވަނީ ޝަހީދު ކޮށްލާފައެވެ. ޝަހީދުވެފައިވާ ބައެއް މީހުންގެ ހަށިގަނޑުގެ ބައިބައިތައް ހުރީ ވަކިވެފައެވެ.

ޣައްޒާ ސިޓީގައި ހުންނަ އަސްމަހާން އަލް ބަރްބަރީގެ ގެއަށް ބޮން އަޅާފައިވަނީ އެމީހުންނަށް ރައްކާތެރިކަން އޮތް ކަމުގައި ހީކޮށް އޭނާއާއި އޭނާގެ އާއިލާ އެނބުރި ގެއަށް ދިޔަ ފަހުންނެވެ. އަސްމަހާން ބުނެފައިވާ ގޮތުގައި، އެގެއަށް ބޮން އަޅާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވާ އެސްއެމްއެސް އިންޒާރެއް ލިބުމުން އެމީހުން ވަނީ އަވަހަށް ގެއިން ނުކުމެފައެވެ.

"އަބަދުވެސް ގޭގެ ދޮރު ކައިރީގައި ތައްޔާރަށް ހުންނަ އިމަޖެންސީ ދަބަސްތައް ހިފައިގެން އަހަރެމެން ދުވެފައި ނުކުތިން. އަދި އާންމުކޮށްވެސް މަޑު ކުރާހާ އިރު ކޮށްފައި އެތެރެއަށް ވަނީ ނުރައްކަލެއް ނެތް ކަމަށް ހީކޮށް." އޭނާ ބުނެފައިވެއެވެ.

ޣައްޒާ ސިޓީގައި ދިން ހަމަލާއެއްގައި ހަސަން އަލް ބަތްނަޖީ ގެ މުޅި އާއިލާގެ ފުރާނަ ވަނީ ގޮސްފައެވެ. ހަސަންގެ ގެއަށް ހަމަލާ ދީފައިވަނީ މުޅި އާއިލާ ނިދާފައި ތިއްބާ ރޭގަނޑުގެ ވަގުތުގައެވެ. “އަހަރެމެން ތިބީ އަނދިރީގައި އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވެފައި. އަހަރެން ހުރިހާ އެންމެންގެ ނަމުން ގޮވިން އެމީހުންގެ ނޭވާ އަދިވެސް ހިނގާތޯ ބަލަން.” އޭނާ ބުނެފައި ވެއެވެ.

"އަހަރެން މިއަދު މަރު ދުށިން. އެކަމަކު މަރު އަހަރެންގެ ފުރާނައެއް ނުގެންދޭ. ގެންދިޔައީ އަހަރެންގެ އާއިލާގެ ފުރާނަތައް. އަހަރެން ހިތަށް އަރާ އަހަރެންވެސް މަރުވި ނަމައޭ. އަހަރެންގެ މުޅި އުމުރު ދުވަހު އެމީހުންގެ މަތިން ހަނދާންކޮށް އަހަރެން ހިތާމަ ކުރާނަން." ހަސަން ބުނެފައި ވެއެވެ.

"އަހަރެމެން ގޭގައި ގާތްގަނޑަކަށް 30 މީހުން ތިބި. މުސްކުޅި އަންހެނުންނާއި ކުޑަކުދން. އެއީ ހަމަލާތަކަށް ރެކެން ވެގެން އެތައް ބަޔަކު ސުންނާފަތިވެފައިވާ ސަރަހައްދުތަކުން ފައިބާފައި ވާތީ." ހަސަންގެ އަވައްޓެރިޔާ މަހުމޫދު އަލް ޝަންތީ ބުނެފައިވެއެވެ.

ރަފާ ބުނެފައިވާ ގޮތުގައި އޭނާގެ އާއިލާގެ 6 މެމްބަރުން ޝަހީދުވެފައި ވާއިރު އޭގެ ތެރެއިން 5 މެމްބަރުންނަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. “އަހަރެންގެ 18 އަހަރުގެ ދެބެންގެ ދެދަރި ކޮއްކޮ ސްކޫލު ނިމުނީ ވަރަށް ފަހުން. އަދި 15 އަހަރުގެ ކޮއްކޮ ވަނީ ދާދި ފަހުން ގުރުއާން ހިތުދަސްކޮށްފައި.” ރަފާ ބުނެފައިވެއެވެ.

ހަސަން، މަހުމޫދު، އަދި އަސްމަހާނު ތިބީ ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށާއި، ރައްކާތެރި ކަން ލިބޭނެ ކަމުގެ އުންމީދުގައި އަލް ޝިފާ ހޮސްޕިޓަލުގައެވެ.

އަލް ޝިފާ ވެފައިވަނީ ޣައްޒާ ސިޓީގެ ވަރަށް ގިނަ ރައްޔިތުންނަށް ފަސޭހަކަން ލިއްބައިދޭ ތަނަކަށެވެ. ހަބަރު ހޯދުމަށާއި، އިންޓަނެޓް ކަނެކްޝަން ހޯދުމަށާއި، އަދި މަދު މިނެޓް ކޮޅަކަށް ކަރަންޓު ހޯދަން ވަރަށް ގިނަ މީހުން ދަނީ އަލްޝިފާއަށް ދަމުންނެވެ.

ނަމަވެސް، 16 އަހަރުވަންދެން އިސްރާއީލުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ވަރުގަދަ ކޮށް، ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓާއި، ބޭސް ފަދަ ޒަރޫރީ އެއްޗެހިވެސް ވެއްދުން ހުއްޓުވާފައިވާތީ ހުރިހާ އެންމެންނަށް ފަރުވާ ދިނުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

ޝަހީދުވެފައިވާ ބައެއްގެ ކައިރީގައި ބަޔަކު ހިތާމަ ފާޅުކުރަނީ —— ފޮޓޯ: އޭއެފްޕީ

ހަލަބޮލިކަމުގެ މައްޗަށް ހަލަބޮލިކަން

ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ، އުތުރު ޣައްޒާގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުން އެ ސަރަހައްދުން ފައިބާ ދެކުނަށް ދިއުމަށް އަންގާފައެވެ. އދ ގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ގާތްގަނޑަކަށް 1.1 މިލިއަން މީހުން ދިރިއުޅެއެވެ. އެއީ ގާތްގަނޑަކަށް ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. އިސްރާއީލުގެ އިންޒާރުގެ ވަގުތު ރެއަށް ހަމަވެފައިވާ އިރު، އެ ސަރަހައްދު ދޫކޮށް ދިއުމަށް އިތުރު 6 ގަޑިއިރުގެ މުހުލަތެއްވަނީ ދީފައެވެ. އިސްރާއީލުން ވަނީ ޣައްޒާގެ އުތުރަށް ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވެފައިވާ ކަމަށް ވެސް ބުނެފައެވެ. އެތައްހާސް ބަޔަކު ދެކުނަށް ގޮސްފައި ވާއިރު، ދަތުރު ކުރާނެ ގޮތެއް ނެތިގެން، ނުވަތަ އަމިއްލަ ގެދޮރު ދޫކޮށް ދާން ބޭނުން ނުވާތީ އެތައް ބަޔަކު އަދިވެސް އެތަނުގައި އެބަ ތިއްބެވެ.

އިސްރާއީލުގެ އިންޒާރާއެކު ދެކުނަށް ދަތުރު ކުރަމުންދިޔަ މީހުންނަށްވެސް ހަމަލާދީ އިސްރާއީލުން ވަނީ 70 މީހުން ޝަހީދު ކޮށްލާފައެވެ.

އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޒަހަމްވެ ހޮސްޕިޓަލުތަކުގެ ފެންޑާތައްވެސް ވަނީ ފުރިފައެވެ. އަދި ސިއްހީ އާލާތްތަކާއި ބޭސް ލިބުން ދަތިވެ އެމީހުންނަށް ފަރުވާ ކުރާނެ ގޮތެއްވެސް މިހާރު ވަނީ ނެތިފައެވެ.

މިވަގުތު މި ހާލަތު ހައްލުކުރުމަށް ކުރެވެމުންދާ މަޝްވަރާތަކުގައި ދައްކަނީ ޣައްޒާ ދޫކޮށް ދިއުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރި ފެންޑާއެއް ގާއިމު ކުރާ ވާހަކައެވެ. އެގޮތުން ޣައްޒާގެ ރައްޔިތުން މިސްރަށް ދަތުރުކުރުމުގެ ހިޔާލަށް މިސްރުން ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް ޣައްޒާއަށް އެހީ ވެއްދުމަށް ބޯޑަރު ހުރަސް ހުޅުވަން މިސްރުން ވަނީ އެއްބަސްވެފައެވެ.

ނަމަވެސް ޣައްޒާގައި ތިބި ފަލަސްތީނުގެ އޮފިޝަލުން ބުނާ ގޮތުގައި މިވަގުތުގެ ހާލަތުގެ ނާޒުކު ކަމާއި ހެދި އޮތް ހަމައެކަނި ހައްލަކީ އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ހުއްޓާލުމެވެ. ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތައް އަމާޒުކުރަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ. އެއާއެކު ހަމަލާތަކުގެ ޝިކާރައަށް ވަނީވެސް ކުށެއްނެތް އާންމުންނެވެ.

”ބޮމުގެ ހަމަލާތައް ހުރިހާ އެންމެންނަށް ވަނީ އަމާޒުކުރެވިފައި، އޭގެ ތެރޭގައި މީސްމީހުންގެ ގެދޮރާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އެމްބިއުލާންސްތައް ހިމެނޭ.” އެ ވުޒާރާއިން ބުނެފައިވެއެވެ.

ޣައްޒާގެ ރައްޔިތުން މިއަދު އުޅެން ޖެހިފައިވަނީ ހުއްޓުމެއްނެތި އަޅަމުންދާ ބޮންތަކުގެ ތެރޭގައި، ސުންނާފަތިކަމާއި، ބަނޑުހައިހޫނުކަމާއި އެކުގައެވެ. ސާފު ބޯފެން ހުސްވެފައިވާ އިރު ކަރަންޓު ލިބޭނެ ގޮތެއް ނެތެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ފަލަސްތީނުގެ މުއްސަނދި ތާރީހުގެ ތެރެއިން ފުހެވިގެންދާ އާއިލާތަކުގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ.