ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ 400 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނީ ޔަހޫދީން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ފަލަސްތީނުގެ 400 އަށްވުރެ ގިނަ މީހުން ޝަހީދުވެ 1500 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ޣައްޒާ ސިޓީން ޝަހީދުވި 260 މީހުންނާއި، ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހުގައި ޝަހީދުވި 80 މީހުންގެ އިތުރުން، އުތުރުގެ ޖަބާލިއާ ރެފިއުޖީ ކޭމްޕުން ޝަހީދުވި 40 މީހުންނެވެ.

އަދި ބެއިޓް ލަހިޔާ އަވަށުގައި ފަލަސްތީނުގެ އިތުރު 10 މީހަކު ޝަހީދުކޮށްލާފައިޗާއިރު، ދެކުނު ޚާން ޔުނިސްގައި 20 މީހަކު ވަނީ ޝަހީދުވެފައެވެ.

ޔަހޫދީން ދަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޔަހޫދީން މިހާރު ތައްޔާރުވަމުން އަންނަނީ ޣައްޒާއަށް ބޮން އެޅުމުގެ އިތުރުން ކަނޑު މަގުންނާއި އަދި އެއްގަމު މަގުން ވެސް ހަމަލާތައް ދިނުމަށެވެ.

ވަށައިގެން ބަންދުކޮށް ހިސޯރުކޮށްފައި އޮތް ޣައްޒާއަށް ޔަހޫދީން މެދުކެނޑުމެއްނެތި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހާލަތު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. ޣައްޒާއިން ފެނެއް، ކަރަންޓެއް، ކާބޯތަކެއްޗެއް ނުލިބެއެވެ.