ފަލަސްތީނުގެ ޣައްޒާ އުތުރުގެ 22 ހޮސްޕިޓަލެއް ހުސްކުރަން ޔަހޫދީ ދައުލަތުން އަންގައިފިއެވެ.

ޔަހޫދީ ދައުލަތުގެ ތާރީހުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއަށް ހަފުތާއެއްހާ ދުވަސް ފަހުން ހަމާސް ޖަމާއަތާ ދެކޮޅަށް އެއްގަމު މަގުން ހަމަލާދޭން ފެށުމުގެ ކުރިން ފަލަސްތީނުގެ އުތުރުގެ ސަރަހައްދު ހުސްކުރުމަށް ފަލަސްތީނަށް އިންޒާރު ދީފައި ވެއެވެ.

އެކަމާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ބުނަނީ ޣައްޒާގެ ދެކުނުގައި މިހާރުވެސް ފުރިފައިވާ ހޮސްޕިޓަލްތަކަށް އެތައް ހާސް މީހުންނެއް ބަދަލުކުރަން މަޖުބޫރު ކުރުމަކީ "މަރުގެ އަދަބަކަށ" ކަމަށް ވެދާނެ ކަމަށެވެ.

"ޣައްޒާގެ އުތުރުގައި 2،000 އަށް ވުރެ ގިނަ ބަލި މީހުންނަށް ފަރުވާ ދެމުން އަންނަ 22 ހޮސްޕިޓަލެއް ހުސް ކުރުމަށް ޔަހޫދީން ތަކުރާރުކޮށް އެންގުމުން ޑަބްލިއުއެޗްއޯ އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން.". އދ.ގެ ސިއްހަތާ ބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިންނަށް މަޖުބޫރުކޮށްގެން އެތަންތަން ހުސްކުރުމަކީ މިހާރު ކުރިމަތިވެފައިވާ އިންސާނީ އަދި އާންމު ސިއްހަތުގެ ކާރިސާ އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ 2،000 ބަލި މީހުން ސިއްހީ ހިދުމަތްދޭ ތަންތަން މިހާރުވެސް އެންމެ ކެޕޭސިޓީގައި ހިނގަމުންދާ ތަނަކަށް ބަދަލު ކުރުމަކީ މަރުގެ އަދަބެއް ދިނުން ފަދަ ކަމެއް ކަމަށެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުން މިހާރު ތައްޔާރުވަމުން އަންނަނީ ޣައްޒާއަށް ބޮން އެޅުމުގެ އިތުރުން ކަނޑު މަގުންނާއި އަދި އެއްގަމު މަގުން ވެސް ހަމަލާތައް ދިނުމަށެވެ.