ޔަހޫދީ ދައުލަތުން ދެމުންގެންދާ ހަމަލާތަކުގައި ފަަލަސްތީނުގެ ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 2،329 އަށް އަރައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީނުގެ ހަމާސް ޖަމިއްޔާއިން ފެށި ވަރުގަދަ ހަނގުރާމައަށްފަހު، ޔަހޫދީން ވަނީ ހަމަލާ ބަދަލު ކުރުން ވަރުގަދަކޮށްފައެވެ. އަދި ޣައްޒާއަށް ދަތި ކުރުމުގެ އެތައް ފިޔަވަޅެއް އަޅާފައިވާއިރު، ޣައްޒާއަށް އެރެން ހުރި ގޮތަކަށް އެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީން ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގައި ފަލަސްތީނުގެ 2،329 މީހުން ޝަހީދުވެ، 9،714 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މީގެ ތެރޭގައި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލި ފަލަސްތީނުގެ 400 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.

ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގައި މިހާތަނަށް 1300 އެއްހާ މީހުން ވަނީ މަރުވެފައެވެ.

ޔަހޫދީން ދަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ޔަހޫދީން މިހާރު ތައްޔާރުވަމުން އަންނަނީ ޣައްޒާއަށް ބޮން އެޅުމުގެ އިތުރުން ކަނޑު މަގުންނާއި އަދި އެއްގަމު މަގުން ވެސް ހަމަލާތައް ދިނުމަށެވެ. މީގެ ކުރިން ޔަހޫދީން ވަނީ ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ މީހުން އެތަން ދޫކޮށް ދިއުމަށް އަންގާފައެވެ. އެކަމަށް ބޯލަނބާ ބައެއް މީހުން އެތައް ދޫކޮށް ދާއިރު، މިއަދު ވަނީ ޣައްޒާގެ އުތުރުގެ ހުސްކުރުމަށް ދިން އިންޒާރަށް ސަމާލުކަން ދޭންޖެހޭ ކަމަށް ބުނެފައެވެ.

އަދި ޔަހޫދީން "މުހިންމު އަސްކަރީ އޮޕަރޭޝަންތައް" ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ދިފާއީ ބާރުތަކުގެ ތަރުޖަމާނަކު އަނެއްކާވެސް މިއަދު ވަނީ ބުނެފައެވެ.