ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލް ސިފައިންނަށް ހަމަލާދީ، ބައެއް މީހުން މަރާލައި ގިނަ ބަޔަކު ޒަހަމްކޮށްލައިފިއެވެ.

އިސްރާއީލާާއި ހަމާސް އާ ދެމެދު ފެށުނު ހަނގުރާމައިގައި އިސްރާއީލަށް ހަމަލާތައް އަމާޒުވަނީ ހަމައެކަނި ފަލަސްތީނުގެ ޣައްޒާއިން އެކަންޏެއް ނޫނެވެ. ލުބުނާން އާއި އިސްރާއީލްގެ ބޯޑަރު ގުޅޭ ސަރަހައްދާއި ސީރިއާ އާއި އިސްރާއީލްގެ ބޯޑަރު ގުޅޭ ސަރަހައްދުން ވެސް އިސްރާއީލަށް ހަމަލާތައް އަމާޒުވެފައިވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެހެން ދުވަސްތަކާ ހިލާފަށް މިއަދު ލުބުނާނުން އިސްރާއީލަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އެގޮތުން ހިޒްބުﷲ އިން ވަނީ އިސްރާއީލްގެ އަސްކަރީ ހަތަރު ވަރަކަށް ޕޯސްޓަށް ހަމަލާ ދީފައެވެ. އެހެންވެ، އިސްރާއީލްގެ ސިފައިން ވައިގެ މަގުން ލުބުނާނަށް ގިނަ ހަމަލާތަކެއް ފޮނުވާލަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހިޒްބުﷲ އިން ދެންމެ ބުނީ ލުބުނާންގައި ތިބި ނޫސްވެރިން މަރައި، ޒަހަމްކުރަމުންދާތީ، އަދި އާންމުންނަށް ހަމަލާދެމުން އަންނާތީ ރައްދުގައި އިސްރާއީލް ސިފައިންނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައި ވާނެ ކަމަށެވެ. އެ ހަމަލާ މެރްކާވާ ދެ ޓޭންކާއި ސިފައިން އުފުލާ ވެހިކަލަކަށް އަމާޒުވެފައިވާ ކަމަށާއި މި ހަމަލާތަކުގައި ބައެއް މީހުން މަރާލައި، ޒަހަމްކޮށްލާފައިވާނެ ކަމަށް ވެސް ހިޒްބުﷲ އިން ދެންމެ އިއުލާންކޮށްފައިވެއެވެ.

ހަމާސްގެ އަލް ގައްސާމް ބްރިގޭޑުން ބުނީ ލުބުނާނާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ޝޮލާމީ އާއި ނަހަރިޔާ ސަރަހައްދަށް 20 މިސައިލް ފޮނުވާލާފައިވާނެ ކަމަށެވެ. އެ ހަމަލާތައް ދިނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ކުށްތަކާ ގުޅިގެން ކަމަށް ވެސް ހަމާސް އިން ބުނެފައިވެއެވެ.

ސްކައި ނިއުސް އަރަބިއާގެ ކޮރެސްޕޮންޑެންޓަކު ބުނީ ހަމަލާތަކުގައި އިސްރާއީލުން 8 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ލުބުނާނުން މީގެކުރިން ފޮނުވާލި ހަމަލާއެއްގައި އިސްރާއީލްގެ ރައްޔިތަކު ވަނީ މަރާލައި، އިތުރު ތިން މީހަކު ޒަހަމްކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަރާބަރު

    ހިޒްބުﷲ ގަދަ އަދި ހަމަލާތައް ވަރުގަދަކޮށްލާ ލާހިކެއްނޫން އިސްރާއީލު ސަލާމަތްވާކަށް

    27