އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދިން ހަމަލާތަކުގައި 50 އާއިލާއެއްގެ އެންމެން ޝަހީދުވެއްޖެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ކޮންމެ ފަސް މިނެޓަކުން ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެއެވެ. މި އެންމެން ވެސް ޝަހީދުކޮށްލާފައި ވަނީ އިސްރާއީލް ސިފައިން ޣައްޒާ އަށް ވައިގެ މަގުން ދިން ހަމަލާތަކުގައި ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިސްރާއީލްގެ ހަމަލާތަކުގައި ވަނީ ފަލަސްތީނުގެ ޣައްޒާ އިން 2،450 މީހުން ޝަހީދުކޮށްލައިފައެވެ. މިއާ އެކު، ޒަހަމްވި މީހުންގެ އަދަދު ވަނީ 9،200 އަށް އަރައިފައެވެ. އިސްރާއީލްގެ ވަކިތަކުގެ ދަށުވެ ޝަހީދުވި ކުޑަކުދިންގެ އަދަދު ވެސް 700 އަށް ވުރެ މައްޗަށް އަރައެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އައިއިރު، 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އަދި 120 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ރަހީނުކޮށްފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ. މި ހަމަލާތަކުގައި 3،842 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަނީ 369 މީހުންނަށެވެ. އަދި 90 މީހެއްގެ ހާލު ސީރިއަސް އިރު، 191 މީހުންގެ ހާލު ގޯސް ނޫން ކަމަށާއި 89 މީހަކަށް ލިބިފައި ވަނީ ކުދި ކުދި އަނިޔާތަކެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ޣައްޒާގެ އުތުރުގައި ދިރިއުޅޭ 1.1 މިލިއަން ރައްޔިތުން އެ ސަރަހައްދުން ފޭބުމަށް އަންގައިފައެވެ. އޭރުވެސް އިސްރާއީލްގެ އަސްކަރީ ޖެޓްތަކުން ދިޔައީ ޣައްޒާ އަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ.

ޣައްޒާގެ ރައްޔިތުން ދިރިއުޅޭ އެތައް އިމާރާތްތަކަށް ބޮން އަޅައި، އެ އިމާރާތްތައް ވަނީ ބިމާ ހަމަކޮށްފައެވެ. އެތައް ބަޔަކު ވަނީ އިމާރާތްތަކުގެ ދަށުވެފައެވެ. ޣައްޒާ އިން ފެންނަނީ ރުއިމާއި ހަޅޭކުގެ އަޑެވެ. ގިނަ ބަޔަކު މަގުމައްޗަށް ވެއްޓި، ޝަހީދުވެފައިވާ މަންޒަރަކީ މިހާރު ޣައްޒާ އިން ފެންނަ އާންމު މަންޒަރަކަށް ވަނީ ވެފައެވެ.

އިސްރާއީލަށް އޮތް އެންމެ ބޮޑު އެއް ބިރަކީ މެދުއިރުމަތީގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރާ ގައުމުތައް އިތުރުވެދާނެތީއެވެ. އެގޮތުން ސީރިއާ އިންނާއި ލުބުނާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. އަނެއްކޮޅުން އެމެރިކާ އިން މިކަމުގެ ތެރެއަށް ވަދެ، ހަނގުރާމަ ކުރާ ނަމަ، ޔަމަންގެ ހޫތީން ތިބީ ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި ނުކުމެ ހަނގުރާމަ ކުރަން ތައްޔާރަށެވެ.

ހަމާސް އިން އިސްރާއީލާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ހަމާސް އަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްވަރަކީ ލުބުނާނާއި ސީރިއާ އިން އިސްރާއީލަށް ދެމުން އަންނަ ހަނގުރާމައެވެ. އެހެންވެ، މި ހަނގުރާމަ އިތުރަށް ފުޅާވުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

އިސްރާއީލުން ގަދަބާރުން ފޭރިގެންފައިވާ ބިންތައް އަތުލަން އަގްސާ ތޫފާންގެ ނަމުގައި ހަމާސްގެ އަސްކަރީ ގޮފި، އަލް ގައްސާމް ބްރިގޭޑުން ފެށި މި ހަނގުރާމައިގައި ހުރިހާ އަރަބިން ބައިވެރިވުމަށް ހަމާސް އިން ގޮވާލުމާ ގުޅިގެން ހިޒްބުﷲގެ ހަނގުރާމަވެރިން ވަނީ ހަމާސްގެ އެދުމަށް އިޖާބަ ދީފައެވެ.

ހިޒްބުﷲގެ ހަނގުރާމަވެރިން ރޮކެޓް ހަމަލާތައް ދެނީ، ލުބަނާންގެ އިރުދެކުނުގައި އޮންނަ ޝިބްއާ ދަނޑުބިންތަކަށް ވެރިވެގެން ތިބި އިސްރާއީލް ސިފައިންނަށެވެ. ޝިބްއާގެ ދަނޑުބިންތަކަކީ 1967 ވަނަ އަހަރު އަރަބިންނާއި އިސްރާއީލްއާ ދެމެދު ކުރި ހަނގުރާމައިގައި އިސްރާއީލުން ފޭރިގެންފައިވާ، ލުބުނާންގެ ބިމެކެވެ.

މި ހަނގުރާމައިގެ ތެރެއަށް ސީރިއާ އިން ވެސް ވަދެ، ސީރިޔާގެ ތެރެއިން މޯޓަރު ބަޑީގެ ހަމަލާތަކެއް ދީފައިވެއެވެ. ގޯލާންގެ އުސް ބިންތަކަށް ވެރިވެގަނެގެން ތިބި އިސްރާއީލް ސިފައިންނަށް ހަމަލާތައް ދިން އިރު، ގޯލާންގެ އުސް ބިންތަކަކީ، 1967 ވަނަ އަހަރު އަރަބިންނާއި އިޒްރޭލާ ދެމެދު ކުރި ހަނގުރާމައިގައި އިސްރާއީލުން ފޭރިގެންފައިވާ ސީރިޔާގެ ބިމެކެވެ. ދެ ގައުމުން ފޮނުވާލި ހަމަލާތަކާ ގުޅިގެން ރައްދުގައި އިސްރާއީލުން ވެސް ދަނީ ހަމަލާތައް ދެމުންނެވެ.