ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެ، 155 މީހަކު ރަހީނުކޮށްގެން ޣައްޒާ އަށް ގެންގޮސްފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ބުނީ އެ މީހުންގެ އާއިލާތަކަށް އެކަން މިހާރު އަންގާފައި ވާނެ ކަމަށެވެ. އަދި އެމީހުން އިސްރާއީލަށް ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރަހީނުކޮށްފައި ތިބި މީހުންގެ އާއިލާތަކަށް ބުނެލަން ބޭނުން ވަނީ އަހަރުމެންނަށް އެނގޭ ވަރަށް ހިތްދަތިކަމެއްގައި ތިބި ކަމަށް. އަހަރުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، އެ މީހުން ގެނައުމަށް،" އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ބުނެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން އެގޮތަށް ބުނި އިރު، އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަހީނުކޮށްފައިވާ މީހުންގެ އާއިލާތަކާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ނަތަންޔާހޫ ބުނީ ޣައްޒާ އަށް ގެންގޮސްފައިވާ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ މައިގަނޑު އެއް މަގްސަދަކަށް ވެފައި އޮތީ ޣައްޒާގައި ރަހީނުކޮށްފައި ތިބި މީހުން ސަލާމަތުން އިސްރާއީލަށް ގެނައުމެވެ. އެކަމަކު، އިސްރާއީލުން އެއްގަމު މަގުން ޣައްޒާ އަށް އަރާ ނަމަ، އެމީހުންނަށް އިތުރު ގޮންޖެހުމަކާ ކުރިމަތިވާނެއެވެ.