ޣައްޒާގެ ހޮސްޕިޓަލު ތަކުގައި ސިއްހީ ވަސީލަތްތައް ހުސްވެ، ޒަހަމް ތަކުގައި ވިނެގަރ ބޭނުން ކުރަން ފަށައިފިއެވެ.

ޑޮކްޓާސް ވިތްއައުޓް ބޯޑާސް ޖަމިއްޔާގެ އޮޕަރޭޝަން ޑޮކްޓަރު ގައްސާން އަބޫ ސިއްތާ ބުނެފައިވަނީ ބެކްޓީރިއާ އިން އިންފެކްޓް ވެފައިވާ ޒަހަމްތަކަށް ފަރުވާ ދިނުމުގައި “ކަންމަތީ ފިހާރައިގެ ވިނެގަރ“ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

“މިހާރު މި އޮތީ އެ ހިސާބަށް ގޮސްފައި” ކަމަށް އެކްސް ގައި ކުރި ޕޯސްޓެއްގައި ގައްސާން ބުނެފައި ވެއެވެ.

ގައްސާން ގެ ޕޯސްޓުގައި އާދައިގެ ވިނެގަރ ފުޅިއެއްގެ ފޮޓޯ އެއްވެސް ވަނީ ހިއްސާ ކޮށްފައެވެ.

ސިއްހީ ފަރުވާގެ ހައްގާއި ބެހޭ އދ ގެ ހާއްސަ ރިޕޯޓަރު ތްލަލެންގް މޮފޮކެންގް ބުނެފައިވަނީ ޣައްޒާގެ ހެލްތް ސެކްޓަރ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

”ޣައްޒާގެ ސިއްހީ ދާއިރާ އޮތީ ރަނގަޅު ނުކުރެވޭނެ ވަރަށް ހަލާކުވެފައި، އަދި ސިއްހީ އެހީތެރިން މަސައްކަތް ކުރަމުން ދަނީ އުނދަގޫ ހާލަތެއްގައި، އެމީހުން މަސައްކަތް ކުރަމުންދަނީ އެކަށީގެންވާ ވަރަށް ސިއްހީ ވަސީލަތްތައް ނެތި، އަދި ވަގުތުން ކޮލިޓީ ފަރުވާާ ދެވެން ނެތް ފަދަ ހާލަތްތަކުގައި.” މޮފޮކެންގް ބުނެފައި ވެއެވެ.

އިސްރާއީލުން ދެމުން ގެންދާ ހަމަލާ ތަކުގައި ޒަހަމްވާ މީހުންގެ އަދަދު އިތުރުވަމުންދާ އިރު، ބައެއް ހޮސްޕިޓަލުތަކުގައި ބައެއް އޮޕަރޭޝަންތައްވެސް ކުރަމުން ގެންދަނީ އައްސި ކުރުމަކާއި ވެސް ނުލައެވެ. އަދި ތެޔޮ ހުސްވުމުގެ ސަބަބުން ބައެއް ހޮސްޕިޓަލުތަކުގެ ހިދުމަތްވެސް ވަނީ މެދުކެނޑިފައެވެ.

އިސްރާއީލުން މެދު ނުކެނޑި ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 12000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، މިއަދު އެކަނިވެސް 500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އެހީގެ އެތައް ގާފިލާއެއް ރަފާހް ބޯޑަރު ހުރަސް ކައިރީގައި ތިބި ނަމަވެސް އިސްރާއީލުން ހުރަސް އަޅަމުންދާތީ އެ އެހީ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ރޭގައި އިސްރާއީލުން ބުނެފައިވަނީ އިސްރާއީލު ފަޅިން ޣައްޒާ އަށް އެހީ ނުވެއްދޭނެ ކަމަށާއި މިސްރު ފަޅިން ވެއްދިދާނެ ކަމަށެވެ. ނަމަވެސް މި އެހީ ޣައްޒާގެ ރައްޔިތުންނަށް އަދި ލިބޭނެ އިރެއް ނޭނގެއެވެ.