ފަލަސްތީނުގެ ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން ދިޔަ ޓްރަކްތަކަކަށް އިސްރާއީލްގެ ނިރުބަވެރި ސިފައިން ހަމަލާ ދީފިއެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އިން ބުނެފައި ވަނީ އިސްރާއީލުން ދިން ހަމަލާ ދެ ޓްރަކަކަށް އަމާޒުވެ، އެ ތަނުން އެއް ޓްރަކްގައި އިން ޑްރައިވަރަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ޓްރަކްތަކުގައި އުފުލަމުން ދިޔައީ ސިއްހީ ސާމާނު ކަމަށާއި އެ ތަކެއްޗަކީ ފަލަސްތީނިއަން ރެޑް ކްރެސެންޓް ސޮސައިޓީ އިން ހިންގަމުން އަންނަ އަލް ގުދުސް ހޮސްޕިޓަލަށް ގެންދިޔަ ތަކެތި ކަމަށް ވެސް އައިސީއާރުސީން ބުނެފައިވެއެވެ.

އައިސީއާރުސީން ބުނެފައިވާ ގޮތުގައި މިކަމުގެ ސަބަބުން ވަރަށް ބޮޑު އުނދަގުލެއް ވަނީ ކުރިމަތިވެފައެވެ. އަދި ހުރިހާ ފަރާތްތަކަކުން ވެސް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނަށް އިހްތިރާމްކޮށް، އިންސާނީ ހައްގުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ހިމާޔަތް ދޭން ޖެހޭ ކަމަށް ވެސް އައިސީއާރުސީން ބުންޏެވެ.

މި ހަމަލާ އަމާޒުވެފައި ވަނީ ޣައްޒާގެ ކިހާ ހިސާބަކުން ކަމެއް އައިސީއާރުސީން ބުނެފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ކޮންވޭގައި ފަސް ޓްރަކާއި އައިސީއާރުސީގެ ދެ ވެހިކަލެއް ހިމެނުނެވެ.

މި ހާދިސާއާ ގުޅިގެން އެ ކޮންވޭގެ މިސްރާބު ބަދަލުކޮށް، ސިއްހީ ސާމާނުތަކާއި އެހީތައް ވަނީ އަލް-ޝިފާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭގެ ފަހުގައި މި ކޮންވޭ އިން ވަނީ ހަ އެމްބިއުލާންސްގައި ޒަހަމްވި މީހުންތަކެއް ގޮވައިގެން ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށް ގޮސްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 10،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 25،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ތިން ބައިކުޅަ ދެބައި މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.