ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލެއް ކައިރިއަށް ހަމަލާދީފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފައިވަނީ ޚާން ޔޫނިސްގައި ހުންނަ ނަސީރް ހޮސްޕިޓަލް ކައިރިއަށެވެ. ވައިގެ ހަމަލާތަކެއް އެ ހޮސްޕިޓަލް ކައިރިއަށް ދިން ނަމަވެސް ހަމަލާގެ އިތުރު އެއްވެސް ތަފްސީލެއް މީޑިއާތަކުން އަދި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ނަސީރް ހޮސްޕިޓަލް ކައިރިއަށް ނިރުބަވެރިން ހަމަލާތަކެއް ދީފައިވާއިރު، މީގެ ކުރިން ވެސް ޣައްޒާގެ އެކި ހޮސްޕިޓަލްތަކަށާއި ހޮސްޕިޓަލްތައް ކައިރިއަށް ނިރުބަވެރިން ވަނީ ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދު ނުވަތަ މަރުވެފައިވެއެވެ. އަދި އެތައް ސަތޭކަ ބަޔަކަށް ސީރިއަސް އަނިޔާތައް ވަނީ ވެފައެވެ.

ނިރުބަވެރިން ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުން އަންނަނީ އެތަންތަނުގައި ހަމާސް ޖަމާއަތުގެ މުޖާހިދުން އުޅެމުން އަންނަކަމަަށް ބުނެއެވެ. ނިރުބަވެރިން ބުނާ ގޮތުގައި މުޖާހިދުން ހޮސްޕިޓަލްތަކުގެ ވޯޑުތައް ބޭނުން ކުރަމުން އަންނަނީ މުއާސަލާތީ ބޭނުންތަކަށެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު މި ހަނގުރާމައިގެ ތެރޭގައި މިހާތަނަށް ޣައްޒާއިން 10،000 އަށްވުރެ ގިނަ މީހަކު ޝަހީދު ނުވަތަ މަރުވެފައިވާއިރު، 25،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ.