ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އިތުރު ދެ މިސްކިތެއް ސުންނާފަތި ކޮށްލައިފިއެވެ.

ނިރުބަވެރިން ހަމަލާދީ ސުންނާފަތި ކޮށްލާފައިވަނީ ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގެ އުތުރުގައި އޮންނަ އަލް ސަތަރު އަލްޣަރުބީ ސަރަހައްދުގައި ހުންނަ އަލް ސަހުވާ މިސްކިތާއި ޚާން ޔޫނިސްގެ ހުޅަނގުގައި ހުންނަ ޚާލިދް ބިން ވަލީދް މިސްކިތެވެ.

މި ދެ މިސްކިތަށް ވެސް ނިރުބަވެރިން ދީފައިވަނީ ވައިގެ ހަމަލާތަކެކެވެ. ހަމަލާތަކުގައި މިސްކިތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ދެ މިސްކިތް ވެސް ނިރުބަވެރިން ސުންނާފަތި ކޮށްލާފައިވަނީ ފާއިތުވި ދޮޅުގަޑިއިރެއްހާ ވަގުތު ތެރޭގައެވެ.

ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކަށް ހުއްޓުމެއް ނެތްއިރު، އެފަރާތުން އަންނަނީ ޣައްޒާގެ އެންމެ މީހުން ގިނަ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި ސްކޫލްތަކުގެ އިތުރުން ރެފިއުޖީ ކޭމްޕްތައް ވެސް ހިމެނެއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާއިން ޝަހީދު ނުވަތަ މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10،000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 25،000 އަށްވުރެ މައްޗަށް އަރާފައެވެ.