އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިންގެ ކަބަތިޔާ ސިޓީގައި ކުރިއަށް ގެންދިޔަ ރެއިޑްގައި ބަޑީގެ ހަމަލާއެއް ދީ ޒަހަމްކޮށްލި ފަލަސްތީން ފިރިހެން މީހާ ޝަހީދުވެއްޖެއެވެ.

މެޑިކަލް އޮފިޝަލުން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި އިސްރާއީލުން ކަބަތިޔާގައި ކުރިއަށްގެންދިޔަ ރެއިޑްގައި، ހަމަލާގައި މެޔަށް ބަޑި ޖަހާ އޭނާގެ ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މިހާރު ޝަހީދުވެފައިވާ ކަަމަށެވެ.

އަލް ގުދުސް ނެޓްވޯކްއިން ރިޕޯޓްކޮށްފައިވާގޮތުގައި ޝަހީދުކޮށްލާފައި ވަނީ ޑރ. ޝަމެޚް އަބޫ އަލް ރޮބްއެވެ. އުމުރުން 25 އަހަރުގެ އޭނާ ޝަހީދުކޮށްލާފައި ވަނީ މިއަދު ހެނދުނު ކަމަށްވެސް ބުނެފައި ވެއެވެެ.

ވަފާ ނިއުސް އެޖެންސީން ބުނެފައިވާގޮތުގައި އެ ރެއިޑްގައި އިތުރު ދެމީހަކަށް ވަނީ އަނިޔާ ވެފައެވެ.

އިސްރާއީލުން ޣައްޒާގައި އަދިވެސް ހަރަކާތްތެރިވަމުންދާއިރު، އިއްޔެ މި ހަނގުރާމަ މެދުކަނޑާލާފައިވަނީ ކުރިއަށް އޮތް ހަތަރު ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގައި ދެ ފަރާތުން ވެސް ހައްޔަރު ކޮށްފައިވާ މީހުން ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ހަނގުރާމަ މެދުކަނޑާލި ނަމަވެސް، ޣައްޒާގެ އެކި ސަރަހައްދުގައި އާއި ހުޅަނގު އައްސޭރީގައި ނިރުބަވެރި ސިފައިން ހަރަކާތްތެރިވެ، ތަންތަން ބަލާ ފާސް ކުރަމުން ދެއެވެ. އަދި ޣައްޒާއިން އުތުރަށް ދާން މަސައްކަތް ކުރާ މީހުން ހުއްޓުވާ އެ މީހުންނަށް ހަމަލާވެސް ދެމުން ދެއެވެ.