އިސްރާއީލާއި ހަމާސްއާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑާލި އިރު، ފަލަސްތީނުގެ ޣައްޒާ އިން 67 ނޫސްވެރިން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން މިރޭ ބުނެފިއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާތަކަށް ފަހު އިސްރާއީލުން ވަނީ ހަމާސްއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. އަދި މެދުކެނޑުމެއް ނެތި މަހަކަށް ވުރެ ގިނަ ދުވަހު ހަމަލާތައް ދިނުމަށް ފަހު އިއްޔެ އިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ވަނީ ހަނގުރާމަ ހުއްޓާލައިފައެވެ. މި ހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބެނީ ކުށެއް ނެތް އާންމުންނަށެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ޝަހީދުވި ނޫސްވެރިންގެ ނަންތައް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ހަތް އަންހެން ނޫސްވެރިން ވެސް ހިމެނެއެވެ. ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން އެމީހުންނަށް ދީފައި ވަނީ ޝަހީދުންގެ ދަރަޖައެވެ.

މި ހަނގުރާމައިގައި އިސްރާއީލްގެ ހަތަރު ނޫސްވެރިއަކު މަރުވި އިރު، ލުބުނާންގެ ތިން ނޫސްވެރިއަކު ވަނީ ޝަހީދުވެފައެވެ.

ހަނގުރާމައިގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ނޫސްވެރިން ދުނިޔެއާ ވަކިވީ އޮކްޓޯބަރު 7 ގައެވެ. އެއީ ހަ ނޫސްވެރިންނެވެ. ދެވަނަ އަށް އެންމެ ގިނަ ނޫސްވެރިން ދުނިޔެއާ ވަކިވީ ނޮވެމްބަރު 18 ގައެވެ. އެއީ ފަސް ނޫސްވެރިންނެވެ.

އިސްރާއީލުން ބުނަމުން އަންނަނީ ޣައްޒާގައި ތިބި ނޫސްވެރިންގެ ސަލާމަތްތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށެވެ. ޣައްޒާ އިން މުއާސަލަތީ ހިދުމަތްތަކާއި ކަރަންޓު ކަނޑާލައި އަސާސީ ގިނަ ހިދުމަތްތަކުން މަހްރޫމްވެފައިވާ އިރު ވެސް ޣައްޒާގެ ނޫސްވެރިން ދަނީ އިސްރާއީލްގެ އަނިޔާވެރިކަމުގެ ވާހަކަ ދުނިޔެއަށް ހާމަކޮށްދެމުންނެވެ.