ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލްގައި ޝަހީދުވެފައިވާ މީހުން ވަޅުލާން ވަޅު ކޮންނަން އުޅުނަސް، އިސްރާއީލްގެ ނިރުބަވެރި އަދި ހައްދުފަހަނައަޅާފައިވާ ސިފައިން ހަމަލާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގައި ތިބި ބައެއް ނޫސްވެރިން ބުނެފިއެވެ.

އިންޑޮނޭޝިއަން ހޮސްޕިޓަލުގައި ތިބި އެންމެހާ ބަލި މީހުންނާއި އެމީހުންނަށް ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، ވަގުތީ ހިޔާވަހިކަން ހޯދުމަށް ވަދެ ތިބި އާންމުން ނެރެ އެ ހޮސްޕިޓަލު ހުސްކުރުމަށް އިސްރާއީިލް ސިފައިން މިދިޔަ ބުރާސްފަތި ދުވަހު ހަތަރު ގަޑިއިރުގެ މުހުލަތެއް ދީފައިވެއެވެ. މި އިންޒާރު އިސްރާއީލުން ދީފައި ވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ސިފައިންނާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލަން އެއްބަސްވި ފަހުންނެވެ.

ތަން ހުސްކުރަން އިންޒާރު ދިން އިރު، އެ ހޮސްޕިޓަލުގެ ވަށައިގެން ހުރި އިމާރާތްތަކަށް އިސްރާއީލު ސިފައިން ވަރުގަދަ ހަމަލާތަކެއް ކުރިން ދިނެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގައި މަރުވެފައިވާ 65 މީހެއްގެ ހަށިގަނޑު ވެސް، އިސްރާއީލްގެ ހަމަލާތަކާ ގުޅިގެން، ވަޅުލާން ނުގެންދެވި އެ ހޮސްޕިޓަލުގައި އެބަ އޮތެވެ.

ހަނގުރާމަ ހަތަރު ދުވަހަށް މެދުކަނޑާލި ނަމަވެސް އިސްރާއީލްގެ ޓޭންކުތަކާއި ސިފައިން އަދިވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ސްނައިޕަރުން ވެސް ހިމެނޭ ކަމަށް ހޮސްޕިޓަލްގައި ތިބި ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ. އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ހިދުމަތްތައް މެދުކެނޑިފައި އޮންނަތާ އެތައް ހަފްތާއެއް ވަނީ ވެފައެވެ.

މި ހޮސްޕިޓަލުގެ ހިދުމަތްތައް އަލުން ފެށޭނެ އިރެއް އަދިވެސް ނޭނގެއެވެ.

އިންޑޮނޭޝިއަން ހޮސްޕިޓަލްގައި އަދިވެސް ގިނަ ބަޔަކު ތިބިއިރު، އެމީހުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތަކުން ކުނިވަސް ދުވާ އިރު، ބޮޑެތި ބަލިތައް ފެތުރުމުގެ ފުރުސަތު ވެސް ވަނީ ބޮޑުވެފައެވެ. ޝަހީދުވެފައިވާ އެއްވެސް މީހެއްގެ ހަށިގަނޑު ވަޅުލުމުގެ ފުރުސަތު ނެތް އިރު، އެކަމަށް މަސައްކަތް ކުރާ މީހަކަށް ވެސް އިސްރާއީލުން ވަނީ ހަމަލާ ދީފައެވެ.

"އިސްރާއީލުން ވަނީ ހޮސްޕިޓަލްގެ ބޮޑު ސަރަހައްދެއް ހަލާކުކޮށްލާފައި. ބޮޑު ގެއްލުމެއް ދީފައި ވަނީ،" ނޫސްވެރިޔާ އަލް-ޝާރިފް އަލް-ޖަޒީރާ އަށް ބުނެފައިވެއެވެ.

އެ ނޫސްވެރިޔާ ބުނީ ހޮސްޕިޓަލްގެ ތެރޭގައި ހުރި ތަކެއްޗަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ.