ފަލަސްތީނުގެ ހަމާސް އިން ހަނގުރާމަ ހުއްޓާލުމުގެ އެއްްބަސްވުމާއި ހިލާފުވެފައިވާ ކަމަށް ބުނެ ބަހަނާ ދެކުމަށް އިސްރާއިލުގެ ނިރުބަވެރިން ޣައްޒާއާ ދެކޮޅަށް ގަތުލު އާންމު އަލުން ފަށައިފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލާއި ފަލަސްތީނުގެ ޣައްްޒާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލި މުއްދަތު ހަމަވީ މިއަދެވެ. ހުއްޓިފައި އޮތް އެ ހަނގުރާމައާއެކު ޣައްޒާއަށް ކޮންމެވެސް ވަރަކަށް ހަމަޖެހުމެއް ލިބިގެންގޮސްފައިވާއިރު، އިންސާނީ އެހީ އާއި އެ ނޫންވެސް ތަކެތި ޣައްޒާއަށް ފަސޭހަކަމާއެކު ވެއްދުމުގެ ފުރުސަތުވެސް ލިބިގެން ދިޔައެވެ.

އެހެން ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާފައިވާ ކަމަށެވެ. އަދި ހަމާސް އިން ވަނީ އިސްރާއީލުގެ ސަރަހައްދަށް ހަމަލާދީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ހިލާފުވެފައި ކަމަށް ބުނެފައި ވެއެވެ.

އިސްރާއީލުން ބުނެފައިވާގޮތުން ޣައްްޒާއިން އިސްރާއީލަށް އަމާޒުކޮށް މިއަދު ވަނީ ހަމަލާއެއް ފޮނުވާފައެެވެ. މި ހަމަލާ ފޮނުވާފައި ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި މުއްދަތު ކުރިންނެވެ.

އަސްކަރިއްޔާއިން ބުނީ އެއާ ޑިފެންސުން އެ ހަމަލާ ހުއްޓުވާފައިވާ ކަމަށެވެ.

އިސްރާއީލުން މިހެން ބުނެފައިވީނަމަވެސް، ޣައްޒާގެ އެއްވެސް ޖަމާއަތަކުން އެފަދަ ހަމަލާއެއް ފޮނުވި ކަމަށް ބުނެފައެއް ނުވެއެވެ.

އަދި ޣައްޒާގެ އުތުރުގައި، ހާއްސަކޮށް ޣައްޒާގެ ހުޅަނގު އުތުރުގައި ބަޑީގެ ހަމަލާތަކާއި ގޮވުންތަކުގެ އަޑު އިވެމުންދާ ހަމާސްއާ ގުޅިފައިވާ މީޑިއާތަކުން ވަނީ އެއިރު ރިޕޯޓްކޮށްފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށި މި ހަނގުރާމައިގައި ޣައްޒާގައި ފަލަސްތީނުގެ 15،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލުން މަރުވި މީހުންގެ ރަސްމީ އަދަދަކީ 1،200 އެވެ.