ފަލަސްތީނުގެ ހަމާސް އާއި ނިރުބަވެރި އިސްރާއީލާއި ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްްބަސްވުން ނިމުމަކަށް ގެނެސް ނިރުބަވެރިން ޣައްޒާއާ ދެކޮޅަށް ފެށި ގަތުލު އާންމުގައި ދެ ގަޑިއިރު ތެރޭގައި ގިނަބަޔަކު ޝަހީދުކޮށްލައިފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލާއި ފަލަސްތީނުގެ ޣައްްޒާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލި މުއްދަތު ހަމަވީ މިއަދެވެ.

މިއަދު ހެނދުނު ރާއްޖެ ގަޑިން 10:00 ޖެހިއިރު، އަދި ފަލަސްތީނުގެ ގަޑިން ހެނދުނު 7:00 ޖެހިއިރު އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ.

މިއާއެކު އިސްރާއީލުން ބުނީ ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް އަލުން ހަނގުރާމަ ފަށާފައިވާ ކަމަށެވެ. ނަމަވެސް އިސްރާއީލުން ގެންދަނީ ޣައްޒާގެ އެތަންމިތަނަށް ބޮން އަޅަމުންނެވެ. އޭގެ ތެރޭގައި އާއްމުންގެ ގެތައް ހިމެނެއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އިސްރާއީލުގެ ވައިގެ ހަމަލާތައް ދޭން ފެށިތާ ދެ ގަޑިއިރު ނުވަނީސް ނުވަ މީހަކު ވަނީ ޝަހީދުވެފައެވެ.

އަދި ދެކުނުގެ ރަފަހްގެ ގެއަކަށް ދިން ހަމަލާއެއްގައި ހަ މީހުން އަދި ޚާން ޔުނިސްގެ އެކަކު ޝަހީދުެވެފައިވާ ކަމަށް ޚާން ޔުނިސްގެ ނޫސްވެރިޔާ ހިންދު ޚުދަރީ ވަނީ ބުނެފައެވެ. ޣައްޒާގެ މެދުތެރޭގެ މަޣާޒީ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ހަތް މީހަކު ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން އަންނަނީ ޚާން ޔޫނުސްގެ ބައެއް އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދަށް ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭތީ އެ ސަރަހައްދުދޫކޮށް ދިއުމަށް ވެސް އަންގަމުންނެވެ.

"އިޒްރޭލު ސިފައިން ޚާން ޔޫނުސްގައި ތިބި މީހުންނަށް ރަފަހަށް ދިއުމަށް އަންގާ ލީފްލެޓްތައް ދަނީ އެ ސަރަަހައްދަށް އެކުލަމުން، އެކަމަކު އެމީހުން ދަނީ ރަފާހްއަށް ޓާގެޓް ކޮށް ހަމަލާތައް ދެމުން.". ނޫސްވެރިޔާ ބުނެފައި ވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށި މި ހަނގުރާމައިގައި ޣައްޒާގައި ފަލަސްތީނުގެ 15،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލުން މަރުވި މީހުންގެ ރަސްމީ އަދަދަކީ 1،200 އެވެ.