ނިރުބަވެރި އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމަ މީގެ ކުޑަ ދުވަކޮޅަކަށް ހުއްޓާލުމަށްފަހު، މިއަދު އަނެއްކާ ވެސް ވަނީ ހަމަލާ ބަދަލުކުރުންތައް ފެށިފައެވެ. މިއާއި އެކީ މިއަދު އެކަނި ވެސް ގިނަ ބަޔަކު ވަނީ ޣައްޒާއިން ޝަހީދުވެފައެވެ.

ދުވަސްކޮޅަކަށް ހަމަލާ ބަދަލު ކުރުންތައް ހުއްޓާލައި، ހައްޔަރުގައި ތިބި ގައިދީން ބަދަލުކޮށް މިނިވަން ކުރުމުގެ އެއްބަސްވުން މިއަދު ހެނދުނަށް ނިމިފައިވާއިރު، ނިރުބަވެރިން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް އަނެއްކާ ވެސް ހަމަލާތައް ދޭން ފަށާފައެވެ.

ހަމަލާތަކުގެ ޣައްޒާ ހޮސްޕިޓަލްތަކުގެ ހާލަތު އާންމު ކުރަމުން ޣައްޒާގެ ހެލްތް މިނިސްޓްރީގެ ސްޕޯކްސްޕާސަން، އަޝްރަފް އަލް-ޤުދްރާ ބުނެފައިވަނީ އިސްރާއީލުގެ ވައިގެ ހަމަލާތައް އަލުން ފެށުމާއި ގުޅިގެން ތޮއްޖެހިފައިވާ ހޮސްޕިޓަލްތަކަށް ޒަހަމްވެފައިވާ ގިނަ އަދަދެއްގެ ބަޔަކު ޖަމާވަމުން އަންނަ ކަމަށެވެ. އަދި މިހާރު ގިނަ ބަޔަކު ބިންމަތީގައި ތިބިއިރު، އެތަކެއް ބައެއްގެ ހާލު ސީރިއަސް ކަމަށް ވެސް ވަނީ ބުނެފައެވެ.

ނިރުބަވެރިން ދިން ހަމަލާތަކުގައި ޒަހަމްވި މީހުން ބިންމަތީ-- ފޮޓޯ: ރޮއެޓާސް

"ޒަހަމްވި މީހުން ތިބީ ހޮސްޕިޓަލުގެ އަވަސް ފަރުވާ ދޭ ޑިޕާޓްމެންޓާއި އޮޕަރޭޝަން ރޫމުތަކުގެ ކުރިމަތީ ބިންމަތީގައި" އޭނާ ބުންޏެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް އަނެއްކާ ވެސް ފެށިފައިވާއިރު، ރިޕޯޓްތަކުން ބުނާ ގޮތުގައި މިއަދު އެކަނި ނިރުބަވެރިން ވަނީ ޣައްޒާގެ 70 އާއި ގާތްކުރާ އަދަދަކަށް މީހުން ޝަހީދު ކޮށްލާފައެވެ. މިއީ މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށުނު ހަނގުރާމައިގެ ތެރެއިން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރާލި ދެވަނަ ދުވަހުއެވެ. މީގެ ކުރިން ނިރުބަވެރިން ވަނީ އެއް ދުވަސްތެރޭ ޣައްޒާގެ 150 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައެވެ.