ނިރުބަވެރި އިސްރާއީލަށް ހަމާސް ޖަމާއަތުގެ ހައްޔަރުގައި ތިބި އެމީހުންގެ މީހުން ހޯދޭނީ، އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީނުގެ މީހުން ދޫކުރުމުން ކަމަށް ހަމާސްގެ ގޮތްޕެއް ކަމަށްވާ އަލް-ޤައްސާމުން ބުނެފިއެވެ.

އަލް-ޤައްސާމް ބްރިޖޭޑްސްގެ ސްޕޯކްސްމަން، އަބު އޮބައިދާ ވިދާޅުވީ، ރަހީނުން ދޫކުރުމަށް ޑިޕްލޮމަސީ ބޭނުން ކުރުމުގެ ބަދަލުގައި ނިރުބަވެރިން އަންނަނީ އަސްކަރީ ޕްރެޝަރު ހަމާސްއަށް ކުރަމުން ކަމަށާއި ނިރުބަވެރިން ބޭނުން ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށެވެ.

އެހެން ކަމުން ހަމައެކަނި އެމީހުންނަށް އެމީހުންގެ ގައިދީން ލިބެން އޮތް ގޮތަކީ އެމީހުންގެ ބަންދުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކުރުން ކަމަށް އޮބައިދާ ވަނީ ވިދާޅުވިއެވެ.

ހަމާސްއިން ވަނީ އެމީހުންގެ ބާރުގެ ދަށުގައި ތިބި ގާތްގަނޑަކަށް 105 މީހުން، އިސްރާއީލާއި އެކީ ހެދި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ބާރުގެ ދަށުގައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 240 ގައިދީންގެ ބަދަލުގައި ދޫކޮށްލާފައެވެ.

"ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލަން ހެދި އެއްބަސްވުމުގެ ސަބަބުން އަހަރެމެންގެ ހަގީގަތާއި ދުޝްމަނުންގެ ދޮގުތައް ސާބިތުވެގެން ދިޔަ. އެއްބަސްވުމުން އެނގިގެން ދިޔަ ދުޝްމަނުންގެ އެއްވެސް ގައިދީއަކު ބަދަލުކޮށްގެން މެނުވީ އަހަރުމެން މީހުން ދޫކޮށް ނުލާކަން އަދި ދޫކޮށް ނުވެސް ލާނެކަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ނިރުބަވެރިންނާއި ދެކޮޅަށް ހަމާސްއިން ކުރަމުން އަންނަ އޮޕަރޭޝަންސްތައް ފުރިހަމަ ކަމަށާއި އިސްރާއީލުން ޒަހަމް ނުވަތަ މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އިސްރާއީލުން އާންމު ކޮށްފައިވާ މައުލުމާތަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މަރުވެފައިވަނީ އެމީހުންގެ 425 ސިފައިންނެވެ. އަދި އެމީހުން ވަނީ ހަމާސްގެ 7،000 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ބުނެފައެވެ.