ނިރުބަވެރި އިސްރާއީލުން ރޭ ޣައްޒާގެ މެދުތެރޭގެ އަލް މަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި އެއްގެެއަކުން 55 މީހަކު ޝަހީދުވެއްޖެއެވެ.

މި ހަމަލާތަަކުގައި އެ ކޭމްޕްއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފަލަސްތީނުގެ ނޫސްވެރިޔާ ހާނީ އަބޫ ރިޒްގު އާންމުކުރި ވީޑިއޯއަކުން ވަނީ އެ ހާދިސާގައި ސަލާމަތްވި މީހަކު ވާހަކަދައްކާ ތަަން ފެނެއެވެ. ސަލާމަތްވި އެ މީހުންނަކީ ޣައްޒާގެ އުތުރުގެ ރެފިއުޖީންނެވެ. އެ މީހުންނަކީ ފަހުން އަލް މަޣާޒީގައި ހިމާޔަތް ހޯދަމުން ދިޔަ ރެފިއުޖީންނެވެ.

އެ ވީޑިއޯގައި ފަލަސްތީނުގެ އަންހެނަކު ބުނެފައި ވަނީ އެގެއަސް އަމާޒުވި ހަމަލާތަކުގައި 55 މީހުން ޝަހީދުވެފައިވާ ކަމަށެވެ.


"އެ ގޭގައި ތިބީ 69 މީހުން. އަހަރެމެންގެ ތެރެއިން ސަލާމަތްވީ އެންމެ 14 މީހުން، ދެން ތިބި މީހުން ޝަހީދުވީ،" އާއިލާގެ އެހެން މީހުން އޭނާ ހިތްހަމަޖައްސާލަން މަސައްކަތް ކުރަމުން ދިޔައިރު، އެ އަންހެން މީހާ ބުނަމުން ދެއެވެ.

އޭނާ ބުނީ މި ހަމަލާގައި ސަލާމަތްވި މީހުންނަކީ މިއީ ކަަމަށެވެ. އެއީ 11 މީހުން ކަމަށް ބުންޏެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ގާތްގަނޑަކަށް 18،000 މީހުން ޝަހީދުވެ 49،500 މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި 297 މީހުން ހިމެނޭކަންވެސް ފާހަގަކޮށްލެވެއެވެ.