ކުޑަކުދިންނަށް ދޭ ބޭހުގައި ނުރައްކާތެރި ކެމިކަލް ހިމަނައިގެން އުފައްދައި ވިއްކަމުންދިޔަ ޕާކިސްތާނުގެ ކުންފުންޏެއް ބަންދުކޮށްފިއެވެ.

ބޭސް އުފައްދައި ވިއްކަމުންދިޔަ ޕާކިސްތާނުގެ ކުންފުންޏެއް ކަމަށްވާ ފާމިކްސް ލެބޯޓްރީސްގެ ފެކްޓަރީ ބަންދުކުރަން އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ. ފެކްޓްރީން އުފެއްދި ބައެއް ބޭހުގައި ނުރައްކާތެރި ކެމިކަލް ހިމެނިފައިވާތީ ބޭސް އުފައްދައި ވިއްކުން މަނާކޮށް އެ ކުންފުނި މިހާރު ވަނީ ބަންދުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ކުންފުނިން އުފައްދާ ދިޔާ ބޭހުގައި ނުރައްކާތެރި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުން ވެސް ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން އެ ކުންފުނިން އުފެއްދި 27 ބޭހެއް ރާއްޖޭގެ މާކެޓުންވެސް ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ އެ ކުންފުނީގެ ހުރިހާ ބޭހެއް ރާއްޖެ އެތެރެކޮށް ވިއްކުން މިހާރު ވަނީ ރާއްޖޭގައި މަނާކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ފާމިކްސް ލެބޯޓްރީސްގެ ފެކްޓަރީ ބަންދުކުރަން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން އެންގީ ރާއްޖެ އިން މި ބޭސްތަކުގައި މައްސަލަ ހުރިކަން އެ ގައުމަށް އެންގުމުންނެވެ. ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީން މިހާރު ދަނީ މި ބޭސްތައް ޓެސްޓުކުރަމުންނެވެ. އަދި ހޯދުންތަކަށް ބަލައި އެ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައުމަށްފަހު މިދިޔަ ހުކުރު ދުވަހު ފާމިކްސް ލެބޯޓްރީސްގެ ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ހުރި ކަމުގެ ރިޕޯޓް ރާއްޖެއިން ވަނީ ޑަބްލިޔުއެޗްއޯގައި ރިޕޯޓްކޮށްފައެވެ. ރާއްޖޭޣެއިތުރުން ފިޖީ އާއި ލާއޯސް އަދި ބެލީޒް އިން ވެސް މި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ކުންފުނީގެ އޮފިޝަލަކު ޕާކިސްތާނުގެ "ޑްރެޕް" ނޫހަށް މައުލޫމާތުދިންގޮތުގައި އެ ކުންފުނިން އުފައްދާ ބޭޙުގައި ކެމިކަލް ހިމެނޭ ކަމަށް ބުނެ މިހާރުވަނީ ބަންދުކުރެވިފައެވެ. އަދި އެއީ އެ ކުންފުނިން ގަސްތުގައި ކުރާ ކަމެއް ކަމަށް ބުނާބުނުން އޭނާ ވަނީ ދޮގުކޮށްފައެވެ.

ފާމިކްސް ލެބޯޓްރީސްގެ ބޭސްތަކުގެ މައްސަލާގައި ސުވާލުކުރުމަށް ހެލްތު މިނިސްޓްރީ އާއި އެމްއެފްޑީއޭ އާއި އެޗްޕީއޭ އާއި އާސަންދަ އާއި އެސްޓީއޯ އަދި އޭޑީކޭގެ ވެރިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ހާޒިރުކޮށްފައެވެ.