އެމެރިކާގެ ރިޔާސީ އިންތިހާބަށް ރިޕަބްލިކަން ޕާޓީން ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ ގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓުރަމްޕު އަޔޯވާ ކޯކަސް ވަރަށް ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކޮށްފިއެވެ.

މި އިންތިހާބުގައި ވޯޓުލާފައިވާ 40 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ވޯޓުދީފައި ވަނީ ޓްރަމްޕަށެވެ. މިއީ އޭނާ އާއި ދެން ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ވުރެ އެތައް ގުނަ އިތުރު އަދެދެކެވެ. އެގޮތުން މި ޕުރައިމަރީގައި ދެން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ކުރިން އެމެރިކާ އިން އދ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހާލޭ އާއި އެމެރިކާގެ އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ ފުލޮރިޑާގެ މިހާރުގެ ގަވަރުނަރު ރޮން ޑެ ސަންޓިސް އަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިފައެވެ.

އަޔޯވާގެ އިންތިހާބުގައި ނިކީ އަށް ލިބިފައިވަނީ 7 މެމްބަރުންގެ ވޯޓެވެ. އަދި ގަވަރުނަރު ޑެ ސަންޓިސް އަށް 8 މެމްބަރުންގެ ވޯޓު ވަނީ ލިބިފައެވެ. މި ޕުރައިމަރީގައި ވާދަކުރާ ބަޔޯޓެކް ކުންފުނީގެ ވެރިޔާ ވިވެކް އަށް ލިބިފައިވަނީ 2 މެމްބަރުންގެ ވޯޓެވެ. އަދި މި ވޯޓުގެ ނަތީޖާ އަށް ފަހު އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ޕާޓީ ޓިކެޓަށް ބާއްވާ ޕުރައިމަރީން އޭނާގެ ނަން އަނބުރާ ނަގައި، ކުރީގެ ރައީސް ޑޮނާލްޑް ޓުރަމްޕަށް ތާއީދުކުރަން ނިންމާފައެވެ.

ޓްރަމްޕުގެ ސިޔާސީ ހަރަކާތްތައް ވަރަށް ކާމިޔާބު ކަމާއި އެކީ ކުރިއަށް ދިޔަ ނަމަވެސް އޭނާ އަށް ކުރެވޭ ދައުވާތަކެއް މިހާރުވަނީ ފެންމަތިވާން ފަށާފައެވެ.

އެ ގޮތުން މިއަދު އޭނާއަށް ވަނީ ނިއުޔޯކުގެ ކޯޓަކަށް ހާޒިރުވާން އަންގާފައެވެ. ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ އެ ނޫސްވެރިޔާ އަށް ބަދަލެއްގެ ގޮތުގައި 5 މިލިއަން ޑޮލަރު ދޭން ކޯޓުން ޓްރަމްޕްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. މިއަދުގެ އަޑުއެހުމުގައި މި މައްސަލާގައި ޓުރަމްޕް އިތުރަށް ފައިސާ ދައްކަން ޖެހޭތޯ ޖޫރީން ކަނޑައަޅާނެ އެވެ.

ޓުރަމްޕު ވަނީ އޭނާ އާ ދެކޮޅަށް ކުރާ ހުރިހާ ދައުވާތަކަކީ ވެސް ސިޔާސީ ގޮތުން އޭނާގެ ބާރު ދަށްކޮށްލާ އޭނާ ގެ އަގު ވައްޓާލަން ކުރެވޭ ދައުވާ ތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.