އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 24،285 އަށް އަރައިފިއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 61,154 ޒަހަމްވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ 15 އާއިލާއަކާ ދެކޮޅަށް 15 ގަތުލުއާންމު ހިންގައި، 158 މީހަކު ޝަހީދުކޮށްލައި 320 މީހަކު ޒަހަމްކޮށްލާފައިވާ ކަމަށް ވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 70 ޕަސެންޓަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންނާއި އަންހެނުން ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

މިހާރު ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކަކީ ހަމާސް ޖަމާއަތް ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި އިސްރާއީލުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވާނީ ހަމާސް ޖަމާއަތުން ބޭނުންކުރަމުންދާ ޓަނަލްތަކާ އޮޕަރޭޝަނަލް ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ފަލަސްތީނުގައި ހަރަކާތްތެރި ވަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ބޭނުންކުރަމުންދާ އަސްކަރީ ކޮމްޕައުންޑްތަކާއި އޮބްޒަވޭޝަން ޕޯސްޓްތަކަށް ކަމަށް ވެސް ޔަހޫދީ އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތާ ގުޅުންހުރި އިންފްރާސްޓްރަކްޗާތައް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މިހާތަނަށް ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށެވެ.