ރަތްކަނޑުން ދަތުރު ކުރަމުން ދިޔަ ކާގޯ ބޯޓަކަށް އިއްޔެ ދިން މިސައިލު ހަމަލާގެ ޒިންމާ ހޫތީން އުފުލައިފިއެވެ.

އިނގިރޭސި ވިލާތުގެ މެރިޓައިމް ރިސްކް ކޮމްޕެނީއެއް ކަމަށްވާ އެމްބްރޭ އިން ބުނެފައިވަނީ މިސައިލް ހަމަލާ އަމާޒުވީ މާލްޓާގެ ދިދައިގައި ދަތުރުކުރި، ގްރީސް އަށް ނިސްބަތްވާ ބަލްކް ކެރިއަރަކަށް ކަމަށެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހުޔާ ސާރިއާ ބުނެފައިވަނީ އިސްރާއީލަށް މިސްރާބު ޖަހާފައިވުމުން ޒޮގްރާފިއާ ކިޔާ އެ ބޯޓަށް ނޭވަލް މިސައިލު ހަމަލާތަކެއް ދީފައިވާނެ ކަމަށާއި ހަމަލާތައް ވަނީ އެ ބޯޓަށް އަމާޒު ވެފައި ކަމަށެވެ.

ގްރީސްގެ މިނިސްޓްރީ އޮފް ޝިޕިންގް އެންޑް އައިލެންޑް ޕޮލިސީ އިން ބުނެފައިވަނީ އެ ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށާއި، ހަމަލާ އަމާޒުވީ އިރު އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ސުއޭޒް ކެނަލުގެ އުތުރުން ކަމަށެވެ.

ހޫތީންނަށް އަމާޒުކޮށް އަނެއްކާވެސް ހަމަލާ ދީފައިވާ ކަމަށް މި ހަމަލާގެ ކުރިން އިއްޔެ އެމެރިކާއިން ބުނެފައިވެއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ އެމެރިކާއިން ދިން ހަމަލާގައި ހޫތީން ފޮނުވާލަން ތައްޔާރުކޮށްފައިވާ ހަތަރު ބެލިސްޓިކް މިސައިލު ހަލާކު ކޮށްލާފައިވާ ކަމަށެވެ.

ޒޮގްރާފިއާ އަށް ހަމަލާ ދީފައި ވަނީ އެންޓި-ޝިޕް ބެލިސްޓިކް މިސައިލަކުން ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ. އަދި ހަމަލާ އަމާޒުވުމަށް ފަހުގައިވެސް އެ ބޯޓު ދާން ކަނޑައަޅާފައިވާ މަންޒިލަށް ދަތުރު ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

ހޫތީން ވަނީ އޭގެ ކުރިން ރަތް ކަނޑުގައި އޮތް އެމެރިކާގެ އަސްކަރީ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އެމެރިކާ އިން ބުނަނީ އެ ގައުމުގެ މަނަވަރަކަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާ ވައްޓާލާފައިވާ ކަމަށެވެ.

ރަތް ކަނޑުގައި އިސްރާއީލަށް ދަތުރުކުރާ އަދި އިސްރާއީލާއި ގުޅުން ހުރި ބޯޓުތަކަށް ހަމަލާ ދޭތީ އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ޔަމަނުގައި ހުންނަ ހޫތީ އަމާޒުތަކަށް ހަމަލާދޭން ފަށާފައެވެ. ނަމަވެސް ހޫތީން ދަނީ އަދިވެސް މެދުނުކެނޑި ހަމަލާތައް ދެމުންނެވެ. ހޫތީ ހަނގުރާމަވެރިން ބުނެފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދޭހާ ހިނދަކު، އިސްރާއީލަށް ވާގިވެރިވާ ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަގުޑި

    ދިވެހި ރާއްޖޭގެ އިގްތިސޯދު ފުނޑި، ވީނާރާވާ ދުވަހު ހޫތީންނެއް ރާއްޖެއައް އެހީވާން އަންނާނޭ ދޯ.

    • ނުރަބޯ

      ވޭތުވެދިޔަ ވެރިކަމުގެ ދައުރު ނިމުނު އިރު ދިވެހިރާއްޖޭގެ އިގްތިޞާދު ވަނީ މުޅިން ފުނޑި ގައުމު ދަރަނިވެރި ވެފަ ކަމެއް ނޭނގޭތަ....؟