އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުންނަ ތުލްކަރަމް ރެފިއުޖީ ކޭމްޕުގައި އިސްރާއީލު ސިފައިން ހަމަނުޖެހުން ހިންގަމުން އެބަދެއެވެ.

ފަލަސްތީނުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އަނިޔާވެރި އިސްރާއީލުގެ ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ތުލްކުރަމްގައި ދަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ. އެގޮތުން އިސްރާއީލުގެ އަނިޔާވެރި ސިފައިން ދަނީ ބުލްޑޯޒަރުތަކާއި އެހެނިހެން ބަރު އުޅަނދުތައް ބޭނުން ކޮށްގެން ތުލްކަރަމް ރެފިއުޖީ ކޭމްޕުގެ މަގުތަކާއި އިމާރާތްތައް ހަލާކުކޮށް ބިމާ ހަމަކުރަމުންނެވެ.

އިސްރާއީލުގެ އަނިޔާވެރި ޔަހޫދީ ސިފައިން ފަލަސްތީނުގެ ތުލްކަރަމްގެ އިމާރާތްތަކާއި މަގުތައް ހަލާކު ކުރާ ވީޑިއޯއެއް އަލް-ޖަޒީރާ އިން ވަނީ ވެރިފައި ކޮށް އެއީ ހަގީގީ ވީޑިއޯ އެއް ކަމުގައި ބުނެފައެވެ. އިސްރާއީލުގެ އެއް ބުލްޑޯޒަރަށް އަމާޒުކޮށް ގޮވާއެއްޗެއް ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން ވަނީ ހަމަލާއެއް ވެސް ދީފައެވެ.

އިސްރާއީލުގެ ޔަހޫދީ ސިފައިން ގަލްގިލިޔާ ސިޓީ އަށް ވެސް ވަނީ ހަމަލާދީފައެވެ. އެ ގޮތުން އެ ސިޓީގެ ދެ އުޅަނދެއް އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ރަމަﷲ ކައިރީގެ އަވަށްތައް ކަމަށްވާ އަލް ތަހްތާ ސަރަހައްދުގައިވެސް އިސްރާއީލުގެ ސިފައިން ދަނީ ހަމަލާތައް ދީ ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުން ހައްޔަރު ކުރަމުންނެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ހިންގަމުން އަންނަ އުދުވާންތަކުގައި މި އަހަރުގެ މިހާތަނަށް 30 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޔަހޫދީން ވަނީ މިދިޔަ އަހަރު ފަލަސްތީނުގެ ހުޅަނގު އައްސޭރީން 507 މީހުން ޝަހީދުކޮށްލާފައެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެސް ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ.