ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޣައްޒާ އަށް ގެންދިޔަ އަސީރުންނަށް ބޭސް ފޯރުކޮށްދިނުމަށް އިސްރާއީލާއި ގަތަރާ ދެމެދު ގާއިމުކުރި އެއްބަސްވުމުގެ ދަށުން ބޭސް ހިފައިގެން ދެ މަތިންދާ ބޯޓެއް މިސްރަށް ގޮސްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބޭސް ހިފައިގެން އައި މި ދެ މަތިންދާ ބޯޓަކީ ގަތަރުން ފުރައިގެން މިސްރަށް ދިޔަ އަސްކަރީ ދެ މަތިންދާ ބޯޓެވެ. މަތިންދާ ބޯޓުގައި ގެނައި ބޭސްތައް ވަރަށް އަވަހަށް ޣައްޒާ އަށް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް ހަމާސް އާއި އިސްރާއީލްއާ ދެމެދުގައި އެއްބަސްވުމަކަށް އައީ މިދިޔަ ހުކުރު ދުވަހުއެވެ. މި އެއްބަސްވުން ގާއިމު ކުރުމަށް ގަތަރުން ވަނީ މެދުވެރިއެއްގެ ރޯލް ކުޅެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ އޮކްޓޯބަރު 7 ގައި ހަމާސްގެ މުޖާހިދުން، އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި 240 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންދިޔައެވެ. އޭގެ ތެރޭގައި އިސްރާއީލްގެ ރައްޔިތުންނާއި އެހެނިހެން ބައެއް ގައުމުތަކުގެ މީހުން ވެސް ހިމެނެއެވެ. އެކަމަކު، އިސްރާއީލާއި ހަމާސް އާ ދެމެދު މީގެކުރިން ގާއިމު ކުރި އެއްބަސްވުމެއްގެ ދަށުން ހަމާސް އިން ވަނީ 150 އަށް ވުރެ ގިނަ އަސީރުން މިނިވަންކޮށްފައެވެ.

އެކަމަކު އިސްރާއީލުން ބުނާ ގޮތުގައި އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި 130 އަސީރުން އެބަތިބިއެވެ. ހަމާސް އިން ބުނެފައިވަނީ އިސްރާއީލުން ދޭ ވައިގެ ހަމަލާތަކުގެ ސަބަބުން އަސީރުންގެ ތެރެއިން ބައެއް މީހުން މަރުވެފައިވާ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 24،000 އަށް ވަނީ އަރައިފައެވެ. ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި ހަނގުރާމައިގެ ތެރޭޣައި 7،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ އިރު، އެމީހުން ތިބީ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައި ކަމަށްވެއެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 70 ޕަސެންޓަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންނާއި އަންހެނުން ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކެޕްސޫލު އެއްޗެއްސަށް ޓްރެކްކުރާ ޗިޕެއް އެއްޗެއް ލައްވާޗަވެސް ހުރެދާނެ.

  2. Anonymous

    ޔަހޫދީންގެ އަސީރުން ތިބެނީ އަބަދުވެސް ނަށާލަނަށާލާ ދޯ.