ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކުން ރަށުން ބޭރުގައި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސް ކޮޅަށް ހަތް ލަނޑު ޖަހައިފި އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރި ސްޕާސް އާއި ބަޔާންގެ ކުރިމަތިލުން ބަޔާން އިން ކާމިޔާބުކުރީ ފަހަތުން އަރައި 7-2 އިންނެވެ. މި ނަތީޖާއާއެކު ސްޕާސް ވެފައިވަނީ ޔޫރަޕްގެ މުބާރާތެއްގައި ވޭތުވެދިޔަ 24 ވަރަކަށް އަހަރު ތެރޭ އެއް މެޗެއްގައި މިހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ޓީމަށެވެ. މީގެ ކުރިން ވެސް އެންމެ ތަފާތު ބޮޑުކޮށް ބަލިވި ކަމުގެ ރެކޯޑު އޮތީ ސްޕާސް އަތުގަ އެވެ. ޔޫރަޕްގެ އިންޓަޓޯޓޯ ކަޕްގައި 1995 ވަނަ އަހަރު ޖަރުމަނުގެ ކޮލޯން އަތުން ސްޕާސް ބަލިވީ 8-0 އިންނެވެ.

ރޭގެ މެޗުގައި ލީޑު ނަގައި ކުރިހޯދީ ސްޕާސް އިންނެވެ. މެޗު ފަށައިގެން 12 ވަނަ މިނިޓްގައި އެޓީމުގެ ދެކުނު ކޮރެއާ ފޯވާޑް ސޮން ހެއުން މިން އެ ޓީމަށް ލީޑުނައިދިން ނަމަވެސް އޭގެ ހަތަރު ވަރަކަށް މިނެޓު ފަހުން ބަޔާންގެ ފުލްބެކް ޖޯޝުއާ ކިމިޗް ވަނީ ޖަރުމަނު ޗެމްޕިއަނުންނަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ބަޔާން އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބުނީ ޕޮލަންޑްގެ ތަރި ރޮބަޓް ލެވަންޑޯސްކީ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެ ވަނަ ހާފު ބަޔާނުން ފެށީ ވަރުގަދަކޮށެވެ. އެގޮތުން ހާފުގެ ކުރީކޮޅުގައި ޒުވާން ކުޅުންތެރިއާ ސާޖް ގްނަބްރީ ވަނީ ދެ ލަނޑު ޖަހައި އެޓިމަށް ލީޑު ފުޅާކޮށްދީފަ އެވެ. އާސެނަލުން ބަޔާން އަށް ބަދަލުވުމަށްފަހު ޖާމަނީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގްނަބްރީގެ ލަނޑުތަކުން ބަޔާން ލީޑު ފުޅާކުރިއިރު ސްޕާސްގެ ކެޕްޓަން ހެރީ ކޭންގެ ޕެނަލްޓީން ސްޕާސް އިން ފަރަގު ކުޑަކޮށްލި އެވެ. ނަމަވެސް އޭގެ ފަހުން ސްޕާސްގެ ޑިފެންސް ލައިން މުޅިންހެން އޮޅުން ބޮޅުންވެ ބަޔާނުން ވަނީ މެޗުގެ ފަހު 10 މިނިޓް ތެރޭ އިތުރު ތިން ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ގްނަބްރީ އެވެ. އަނެއް ލަނޑު ޖެހީ ލެވަންޑޯސްކީ އެވެ.

ރޭގެ މެޗަކީ ޓޮޓެންހަމްގެ 137 އަހަރުވީ ތާރީހުގައި އެ ޓީމު އަމިއްލަ ދަނޑުގައި ކޮޅަށް ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި މިއީ ޓޮޓެންހަމް ކޯޗެއްގެ ގޮތުގައި މައުރީސިއޯ ޕޮޗެޓީނޯ ހުއްޓައި އެ ޓީމު އެންމެ ބޮޑު ނަތީޖާ އަކުން ބަލިވި މެޗެވެ. މެޗައްފަހު ވާހަކަދައްކަމުން ޕޮޗެޓީނޯ ބުނީ ރޭގެ މެޗުން ބަލިވުމުން ވަރަށް ނުތަނަވަސްވެއްޖެ ކަމަށާއި އެ ނަތީޖާ އިން އަރައިގަންނަން މަސައްކަތްކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައި ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ކްރޮއޭޝިއާގެ ޑައިނަމޯ ޒަގްރެބް އާއި ދެކޮޅަށް ކުޅެ 2-0 އިން މޮޅުވެފަ އެވެ. ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ވަނަ ހާފްގައި ރަހީމް ސްޓާލިން އާއި ފިލް ފޯޑެން އެވެ. މި ގްރޫޕްގެ އަނެއް މެޗުން ޝަހުތަރު ޑޮނެސްކް ވަނީ 2-1 އިން އިޓަލީގެ އެޓަލަންޓާ ބަލިކޮށްފަ އެވެ.