ހުޅަނގު ޕެސިފިކް ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާނެއް ފިލިޕީންސް އާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ.

މިކަން ހާމަކޮށް، އެމެރިކާގެ ޖޮއިންޓް ޓައިފޫން ވާނިންގް ސެންޓަރުން ބުނެފައި ވަނީ މި ތޫފާން މިހާރު ފިލިޕީންސް އާއި ދިމާލަށް ދަތުރުކުރަމުން ދާއިރު، ތޫފާން ދައުރުވަމުން ދަނީ އެޤައުމުގެ އިރުދެކުނު އައްސީރީގައި އޮންނަ މަނީލާ ސިޓީ އާއި ދިމާލަށް ކަމަށެވެ.

އެ އިދާރާއިން ބުނެފައިވާ ގޮތުގައި މިއީ މިއަހަރު އުފެދުނު މިފަދަ އެންމެ ވަރުގަދަ ތޫފާން ކަމަށް ވާއިރު، ތޫފާނުގައި 80 މޭލަށް ވައިގަދަވެ، ވިލާގަނޑުގައި 100 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މި ތޫފާން ވެފައިވަނީ ކެޓެގަރީ އެކެއްގެ ދަރަޖައިގެ ތޫފާނަކަށެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި މަނީލާ ސިޓީ އާއި އެ ސިޓީ އޮންނަ ސަރަޙައްދުގެ އެހެން ސިޓީތަކަށްވެސް ތޫފާން އަރާނެ ކަމަށް ބެލެވިފައި ވާއިރު، ފިލިޕީންސްގެ އިދާރާތަކުން މިހާރު ވަނީ ތޫފާނުގެ ނުރައްކާ ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ.

އިދާރާތަކުން ބުނާގޮތުގައި މި ތޫފާނުގެ ސަބަބުން އުސްމިނުގައި 25 ފޫޓު ހުންނަ ރާޅުވެސް އުފެދި، އައްސޭރީގެ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.

ކުރިޔަށް އޮތް ތަނުގައި މި ތޫފާނުގެ ބާރު އިތުރަށް ގަދަވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި ކެޓެގަރީ ހަތަރެއްގެ ތޫފާނަކަށް މި ތޫފާން ބަދަލުވެދާނެ ކަމަށްވެސް ލަފާކުރެވިފައި ވެއެވެ. ފިލިޕީންސްގެ އިރުމަތީ އައްސޭރިއާއި ހަމައަށް ތޫފާން ދަތުރުކުރާއިރު، އޭގެ ބާރުމިން މިހާރަށްވުރެ އިތުރުވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

މި ތޫފާނާއި ބެހޭގޮތުން ކޮލޮރާޑޯ ސްޓޭޓް ޔުނިވާސިޓީގެ ދިރާސާވެރިން ބުނެފައިވަނީ، މިއީ 1950 ވަނަ އަހަރުގެ ފަހުން ހުޅަނގު ޕެސިފިކް ކަނޑުގައި އުފެދުނު މިފަދަ އަށްވަނަ ތޫފާން ކަމަށެވެ.