ހެލިކަޕްޓަރު އެކްސިޑެންޓެއްގައި ކެންޔާގެ އަސްކަރީ ވެރިޔާ، ޖެނެރަލް ފްރަންސިސް އޮގާލާ މަރުވެއްޖެއެވެ.

ޖެނެރަލް އޮގާލާ އާ އެކު މި ހެލިކޮޕްޓަރުން ދަތުރުކުރަމުންދިޔަ 11 މީހުންގެ ތެރެއިން 9 މީހަކު ވެސް ވަނީ މަރުވެފައެވެ. މިހާދިސާ ހިނގާފައިވަނީ ކެންޔާގެ ގަޑިން މެންދުރު 14:20ގައެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިލިއަމް ރޫޓޯ ވިދާޅުވީ، މިއީ ހިތާމައިގެ ވަގުތުކޮޅެއް ކަމަށެވެ. އޭނާ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. މި ބައްދަލުވުން ބޭއްވުމުގެ ކުރިން ވިލިއަމް ވަނީ އެގައުމުގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

ރޫޓޯ ވިދާޅުވީ، ހެލިކަޕްޓަރު ވެއްޓުނީ ކެންޔާ ގަޑިން މެންދުރު 14:20 ހާއިރު ކަމަށާއި ހެލިކޮޕްޓަރ ވެއްޓުނު ސަބަބު ދެނެގަތުމަށް ކެންޔާގެ ވައިގެ ސިފައިންގެ ޓީމެއް ތަހުޤީގަށް ފޮނުވާފައިވާ ކަމަށެވެ. ކެންޔާގެ ރޭންކު މަތި އަސްކަރީ އޮފިސަރ އަދި ރައީސްގެ ޗީފް މިލިޓަރީ އެޑްވައިޒަރު މި ހާދިސާގައި މަރުވެފައިވާ ކަމަށް ރޫޓޯ ވަނީ ވިދާޅުވެފައެވެ.

ހެލިކޮޕްޓަރު ވެއްޓުނީ ވެރިރަށް ނައިރޯބީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 400 ކިލޯމީޓަރު (250 މޭލު) ދުރުގައި އޮންނަ އެލްގޭޔޯ މަރަކުވެޓް ކައުންޓީގައެވެ. ބޯޓު ވެއްޓުނު ތަނަށް ވަނީ ރެސްކިއު އެންޑް ރިކަވަރީ ޓީމުތައް ފޮނުވާލާފައެވެ.

ޖެނެރަލް އޮގޯލާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އޭނާ ވަނީ އެއާފޯސްގެ ކޮމާންޑަރާއި ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސަސްގެ މަގާމު އަދާކުރައްވާފައެވެ.

އެމީހުން މަރުވުމާއި ގުޅިގެން މާދަމާއިން ފެށިގެން 3 ދުވަހަށް ހިތާމަ ފާޅުކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ ގައުމުގެ ދިދަ މި ތިން ދުވަހު ބައި ދަނޑިއަށް ތިރިކުރުމަށް ރޫޓޯ ވަނީ އަންގާފައެވެ. މި ހާދިސާގައި މަރުވި އިތުރު ނުވަ މީހުންނަކީ އަސްކަރީ އިސް އޮފިސަރުންނެވެ. އަދި ސަލާމަތްވި ދެ މީހުންގެ ހާލު ސީރިއަސް ކަމަށާއި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.