ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 34،356 އަށް އަރައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އޮކްޓޯބަރު މަހުގެ 7 އިން ފެށިގެން މިހާތަނަށް އައިއިރު ފަލަސްތީނުގެ 34،356 ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި މިހާތަނަށް އައިއިރު، 77،368 މީހުން ވަނީ ޒަހަމްވެފައެވެ.

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 34.356 އަށް އަރާފައިވަނީ ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ޝަހީދުކޮށްލި 75 މީހުން ހިމަނައިގެންނެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ގިނަ އިން ޝަހީދުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 10،000 އާއި ގާތްކުރާ އަދަދަކަށް އަންހެނުން ހިމެނެއެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ އަދަދު 8،000 އަށް ވުރެ މައްޗަށެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ދިން އެދުވަހު ދިން ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެކެވެ.